ހެލުތު މިނިސްޓްރީގެ ޕަބްލިކް ޕޯޓަލް ގާއިމުކުރުމަކީ ސިއްހީ ނިޒާމު ފުޅާކުރުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހިފައިވާ އަސާސީ މަސައްކަތްތަކެއްކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީގެ ޕަބްލިކް ޕޯޓަލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، މިއަދު ކުރެވިގެންދާ މަސައްކަތްތަކަކީ ގައުމީ ފެންވަރުގައި ރާއްޖޭގެ ރައްޔިތުންގެ ސިއްހީ މައުލޫމާތު ޑިޖިޓަލައިޒްކޮށް އެއް ވިއުގެއްގެ ތެރޭގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުންކަމަށެވެ. އަދި މިއަދު އާދެވިފައިވާ ހިސާބުން މި މަސައްކަތްތަކަކީ ސިއްހީ ނިޒާމު ފުޅާކުރުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހިފައިވާ މުހިންމު އަސާސީ މަސައްކަތްތަކެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަސައްވުރުގައިވާ ދިވެހިރާއްޖެއަކީ ޓެކްނޮލޮޖީއަށް އަހުލުވެރި ތަރައްގީގެ މަސައްކަތްތަކުގައި އެފަދަ ވަސީލަތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ސިޔާސަތުތައް ކަނޑައެޅިފައިވާ ނިޒާމެއް ގާއިމުވެފައިވާ ގައުމެއްކަމަށެވެ. އަދި ހެލްތު ނިޒާމުގެ ތެރެއިން ކުރެވިގެންދާ މި މުހިންމު މަސައްކަތްތައްވެސް ވެގެންދަނީ އެމަނިކުފާނުގެ ތަސައްވުރުކުރައްވާ ދިވެހިރާއްޖެ ބިނާކުރުމުގައި ހެލްތު ނިޒާމުގެ ކަންކަން ތަރުތީބުގެ ކުރުމުގައި މުހިންމު މަސައްކަތްތަކެއްގެ ގޮތުގައިކަމަށެވެ.
ނާޒިމް ވިދާޅުވީ، އެކަން ހާސިލުކުރުމަށްޓަކައި ސިއްހީ ދާއިރާގައި ވަރަށް ގިނަ ޑިޖިޓަލް ޕްލެޓްފޯމްތައް އެކި ފަރާތްތަކުން ގެންގުޅެމުންދާކަން އެނގިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން މިނިސްޓްރީއިންވަނީ އެ ތަފާތު ސިސްޓަމްތައް ސްޓޭންޑަޑައިޒްކޮށް އެއް ނިޒާމު އަނެއް ނިޒާމާއި ގުޅިލާމެހިގެން މައުލޫމާތުތައް ރައްކައުކުރެވޭ އެ ވިއުގައެއް ބިނާކުރުމަށް އަމާޒު ހިފައި އެ މަސައްކަތްތައް ފަށާފައިކަމަށެވެ.
އެހެންކަމުން އެ ހުރިހާ ނިޒާމެއް ގުޅާލެވި އެ ވިއުގައެއްގައި ރައްކައުކުރުމުގެ ހައްލު ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތު އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން އިފްތިތާހުކުރެވިގެންމިދަނީ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ހެލްތު އާކްޓިޓެކްޗާ ބްލޫ ޕްރިންޓުގައި އެކުލެވިފައިވާ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ.

