ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްދިނުމާއިމެދު ގޮތް ނިންމުމަށް އޭސީސީން ޕީޖީ އޮފިހާއިއެކު މަޝްވަރާތައް ފައްޓައިފިއެވެ.
އޭސީސީއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން އެ މުއައްސަސާއިން ތަހުގީގުކުރަމުން އަންނަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދޫކުރުމުގެ މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމާއިމެދު ގޮތް ނިންމުމަށް ޕީޖީ އޮފީހާއިއެކު ރަސްމީކޮށް ޑިއުޓީ ޕްރޮސެކިއުޝަން މަސައްކަތްތައް ފެށިފައިވާކަމަށެވެ.
އެހެންކަމުން އާންމުންގެ މަސްލަހަތު ބޮޑު މި މައްސަލައިގައި ޑިއުޓީ ޕްރޮސެކިއުޝަން ނިންމުމަށްފަހު، ދައުވާ ކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވީއެންމެ އަވަހަކަށް ކުރަމުންދާނެކަމަށް އޭސީސީއިން ބުނެފައިވެއެވެ.
ޑިއުޓީ ޕްރޮސެކިއުޝަންއަކީ ދައުވާކުރަން ފޮނުވުމުގެ ކުރިން، އެ މައްސަލައަކާއިމެދު ތަހުގީގީ އިދާރާތައްކަމަށްވާ އޭސީސީ އަދި ޕީޖީ އޮފީސް ދެމެދު މައުލޫމާތު ބަދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންދާ މަރުހަލާއެވެ. މި މަރުހަލާގައި ތަހުގީގުގައި ފުރިހަމަކުރަންޖެހޭ ކަންކަމާއި އުފުލާ ދައުވާތައް ކޯޓުގައި ސާބިތުކުރެވޭ މިންވަރަށް ހެކި ހޯދިފައިވާކަން ކަށަވަރުކުރާނެއެވެ.
ފްލެޓާގުޅޭ މައްސަލައިގެ ތަހުގީގަށް އޭސީސީން ވަނީ ހައުސިންގ މިނިސްޓްރީގެ ކުރީގެ އިސްވެރިން ގެ ގެއަށް ވަދެ މައުލޫމާތު ހޯދާފައެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކުރިޔަށް ގެންދިޔަ ”ގެދޮރުވެރިޔާ ސްކީމް“ ގެ ދަށުން ފްލެޓު ދިނުމުގެ ކަންތައްތަކުގައި މަސައްކަތް ކުރެއްވި ކޮމިޓީގެ ބޭފުޅުންގެ ގެތަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަދެފައިވެއެވެ.
ކޮމިޝަނުން ބަލަމުންދާ މައްސަލައެއްގައި، އޭސީސީން ކޮމިޓީގެ މެމްބަރުންގެ ގެތަށް ބަލައި ފާސް ކޮަށްފައިވާކަން އޭރު ވަނީ ޔަގީންކަންދީފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އޭސީސީން އެ ގެތަކަށް ވަދެފައި ވަނީ ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ހެކި ހޯދުމަށެވެ. އެގޮތުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީނާއި، ފްލެޓު ކޮމިޓީގެ އޭރުގެ މެމްބަރު ލިރުގާމް ވަހީދު މުހައްމަދުގެ އިތުރުން އަހުމަދު ވިސާން އަދި މުހައްމަދު އާރިފްގެ ގެއަށް ވަދެފައިވެއެވެ.

