ދިގު ތާރީހެއް އޮތް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް މިވީހާތަނަށް އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުލިބުމެވެ. އަދި މަސްވެރިކަމުން ލިބެން ޖެހޭ ހަގީގީ ނަފާ ހޯދިފައި ނެތުމެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑުކަމަށްވާއިރު، މަސްވެރިކަމުން ލިބޭ ނަފާއިން އެކަނި ދިވެހި އިގްތިސާދު މެނޭޖުކުރެވޭނެހާ ފައިސާ ހޯދެން އޮތް ނަމަވެސް ދުވަހެއް ދުވަހަކަށް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ސިނާއަތް ހީނަރުވެގެންދާ މަންޒަރެވެ. މަސްވެރިކަމުން ލިބެން ޖެހޭ ނަފާ، ހޯދިފައި ނެތްކަމުގެ އެންމެ ބޮޑު ހެތްކަކީ މިފްކޯގެ މާލީ ހާލަތެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން މަސްވެރިންނަށް ވީ ގިނަ ވައުދުތަކެއްވެސް ނުފުއްދި ގިނަ ދުވަސްތަކެއް ވެގެންދިޔައީ އެ ސަބަބާއި ހުރެއެވެ. އެގޮތުން މަސްވެރިން ބާނާ މަހަށް 48 ގަނޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަށް ވީ ވައުދު ނުފުއްދި އަހަރެއްހާ ދުވަސް ވެގެންދިޔައީ ހަމަ އެހެންވެއެވެ. އަދި ހަމަ އެއާއިކު މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ކުޑަނުކުރުމަށް ވީ ވައުދު އަދިވެސް ނުފުއްދި އޮތީ އެހެންވެއެވެ.
މޯލްޑިވްސް މަނިތަރީ އޮތީރިޓީ (އެމްއެމްއޭ) އިން އާންމުކުރާ އެ މުއައްސަސާގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިންގައި ދިވެހިރާއްޖޭގެ އިގްތިސާދުގެ އެކި ދާއިރާތަކުގެ މަސައްކަތްތަކާއި ގުޅޭ ތަފްސީލީ މައުލޫމާތުވަނީ ހިއްސާކޮށްފައެވެ. މުލަ ގޮތެއްގައި ގިނަ ދާއިރާތަކަކުން ކުރިއެރުންތައް ލިބިފައިވާކަމަށް މި ރިޕޯޓުން ދައްކާއިރު، މަސްވެރިކަމުގެ ސިނާއަތަށް ހީނަރުކަމެއް އައިސްފައިވާކަން ރިޕޯޓުން ހާމަވެއެވެ.
އެގޮތުން މަހުން މަހަށް އަންނަ ކުރިއެރުންތަކަށް ބަލާއިރު ނިމިދިޔަ އަހަރުގެ ތިންވަނަ ކުއާޓާރއަށްވުރެ މި އަހަރު 44.9 އިންސައްތައިން މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް މަޑުޖެހިފައިވާކަމަށް ރިޕޯޓުން ބުނެއެވެ. އަދި ދެވަނަ ކުއާޓާރގައި ނިމިދިޔަ އަހަރާއި އަޅާ ބަލާއިރު 50 އިންސައްތައިން އުފެއްދުންތެރިކަން ދަށްވެފައިވާކަމަށް ދައްކާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން މަސް ޕްރޮސެސްކުރާ ފަރާތްތަކުން މަސް ގަންނަ އަދަދުތައްވެސް ވަނީ ދަށްވެފައެއަދި ތިން ވަނަ ކުއާޓާރގައި ރާއްޖެއިން މަސް ބޭރުކޮށްފައިވާ އަދަދުތައްވެސް ފާހަގަކުރެވޭ މިންގަނޑަކަށް ދަށަށް ގޮސްފައިވާކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެގޮތުން ތިންވަނަ ކުއާޓާރގައި ޖުމުލަކޮށް ގަނެފައިވަނީ 5،662.9 މެޓްރިކް ޓަނުގެ މަސްކަމަށްވާއިރު މިއީ 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓާރއާއި ބަލާއިރު 53 އިންސައްތަ ނުވަތަ 6،403.2 މެޓްރިކް ޓަނުގެ ދަށްވުމެއްކަން އެމްއެމްއޭގެ ރިޕޯޓުން ހާމަވެއެވެ. ޖުމުލަގޮތެއްގައި މަސް ގަނެފައިވާ މިންވަރު މަދުވެފައިވަނީ ކަޅުބިލަ މަސް ގަނެފައިވާ އަދަދުތައް 63 އިންސައްތަ ނުވަތަ 5،656.1 މެޓްރިކް ޓަނުން ދަށްވެފައިވުމުންނާއި ކަންނެލި ގަނެފައިވާ އަދަދުތައް 26 އިންސައްތަ ނުވަތަ 777.4 މެޓްރިކް ޓަނުން ދަށްވެފައިވުމުންކަމަށް އެމްއެެމްއޭއިން ބުންޏެވެ.
މީގެ އިތުރުން އެމްއެމްއޭގެ ރިޕޯޓުން ހާމަވާ އަނެއް ކަމަކީ މަސްވެރިންގެ އަތުން މަސް ގަންނަ އަގުތައް ދަށްވެފައިވާކަމެވެ.
ކުރިއަރާފައިވާ ގައުމަކަށް ވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ހަގީގީ ކާމިޔާބީއަށް ވާސިލްވާން ބޭނުންވާކަމަށްވާނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ، ގައުމީ އުފެންދުންތެރިކަން އިތުރުކުރެވެން ހުރި ސިނާއަތްތައް ބަލާ، މަސްވެރިކަން ފަދަ، އެފަދަ ސިނާއަތްތައް ކުރިއެރުވުމެވެ. ހަމައެކަނި ދައްކާލާ ދަޅައެއްގެ ބަދަލުގައި މަސްވެރިކަމުގެ ސިނާއަތަށް ހަމަ ހަގީގަތުގައިވެސް އިހުލާސްތެރިކަމާއިއެކު އަޅާލައިފިނަމަ، ރާއްޖެ އޮންނާނީ މިހާރަށްވުރެ މާ ކުރީގައެވެ.
މަސްވެރިކަމުގެ ތެރެއިން ހޯދެން އޮތް ނަފާ އިތުރުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލާ، އެ ގޮތްތައް ފަހިކުުރުމަށް މަސައްކަތް ކުރެވެން އެބަ ޖެހެއެވެ. މަސްވެރިނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެވެން އެބަޖެހެއެވެ. މި ވެރިކަމުގެ ތެރޭގައި މިފަދަ ކަންކަން ކޮންމެވެސް މިންވަރަކަށް ކުރެވިގެންދާ މަންޒަރު ފެނެއެވެ. މަސްވެރިންނަށް ލޯނުތައް ފަހިކޮށްދީ، ހުރި ގޮންޖެހުންތަކަށް ހައްލު ގެނައުަމށް މަސްވެރިންނަށްވެސް އެފޯޑު ކުރެވޭނެ ފަދަ ކަންތައްތަކެއް ފަހިކޮށްދެމުންދާ މަންޒަރު ދަނީ ކޮންމެސް ވަރަކަށް ފެންނަމުންނެވެ.
މަސްވެރިން ބާނާ މަސް ބޭރުގެ ފަރާތްތަކަށް ވިއްކަން ޖެހެނީ އެމީހުން ބޭނުންވާ އަގެއްގައެވެ. އެއީ ރޯ މަހުގެ ގޮތުގައި އެ މަސް ބޭރު ކުރަން މަޖުބޫރުވެފައި އޮންނާތީއެވެ. އެހެންކަމުން މިހެން ހުރި ކަންކަމަށް ހައްލު ހޯދާ، މަސްވެރިންނަށް މަސްވެރިން ކުރާ މަސައްކަތުގެ ހަގީގީ މަންފާ ލިބި އަދި ހަމައެއާއިއެކު މަސްވެރިކަމުން ގައުމަށް ފައިދާ ކުރާނެ ގޮތަކަށް ސިނާއަތް ބައްޓަން ކުރެވެން ޖެހެއެވެ.
އެތައް އަހަރެއްގެ އިހުމާލުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތް ވެއްޓިފައި އޮތް އަނދަވަޅު ސަލާމަތް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް، އިހުލާސްތެރި ނިޔަތެއްގައި ކުރެވެން އެބަޖެހެއެވެ. ފެލިވަރަށް ބައިގަރުނު ވެގެންދާއިރު، ސްޓޯރޭޖް ކެޕޭސިޓީ ހުރީ 800 ޓަނުގައިކަމަށްވާއިރު، ފެލިވަރުގައި ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރާނެކަމަށް މިއަހަރުގެ ތެރޭގައި އިއުލާނުކުރިއެވެ. އެގޮތުން 4،000 ޓަނު އިތުރު ކުރަން ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން އެހެން ސަރަހައްދުތަކުގައި އިތުރުކުރާ ކެޕޭސިޓީއާއިއެކު، މިހާރު ރާއްޖޭގެ ކޯލްޑް ސްޓޯރޭޖުގައި ހުރި 8،000 ޓަނު 25،000 ޓަނަށް ބަދަލުވެގެންދާނެކަމަށް ސަރުކާރުގެ ފަރާތުން މައުލޫމާތުދެއްވައެވެ. ދައްކާލާ ވާހަކައަކަށް މިކަންކަން ވުމުގެ ބަދަލުގައި އަމަލީ ސިފަ ޖެއްސިއްޖެނަމަ، މަސްވެރިކަމުގެ ސިނާއަތުން އަޅުގަނޑުމެން މި އުއްމީދުކުރާ ފޮނި ލިބިގެންދާނެއެވެ.

