އެމްޑީޕީގެ ފަރާތުން އަބަދުވެސް ފެނިގެންދަނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތްތައްކުރާއިރު ކޮންމެ ބަޔަކު ކުރިނަމަވެސް އެކަމަކަށް ހުރަސްއަޅާ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު މަމްދޫހު ވިދާޅުވީ، ވެރިކަން ނުލިބޭނެކަން ޔަގީންވުމާއިއެކު އެމްޑީޕީއިން ރޭވީ ރާއްޖެ ބަނގުރޫޓުކޮށްލުމަށްކަމަށެވެ. އޭނާ ވިދާޅުވީ، އެ ޕާޓީން މަސައްކަތްކުރީ ރާއްޖޭގެ މުޅި އިގްތިސާދު ފުނޑުފުނޑުކޮށްލުމަށްކަމަށާއި ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ފުރަތަމަ ބުރު ނިމުމާއެކު އެމްޑީޕީގެ ކެނޑިޑޭޓު ކުރިހާވެސް މަސައްކަތަކީ ރާއްޖޭ ބަނގުރޫޓުކޮށްލުމަށް ރޭވުންކަމަށެވެ. އަދި އެކަމުގެ މަގުސަދަކީ ދެން ވެރިކަމާއި ހަވާލުވާ ބަޔަކަށް އުންދަގޫތަކެއް ވެގެންދާގޮތަށް ކަންކަން އިންތިޒާމު ކުރުންކަމަށެވެ.
މެމްބަރު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުމާއިއެކު އެމްޑީޕީއިން ކެމްޕެއިން ނިންމާލިކަމަށާއި ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމަށް އުނދަގޫވާނެ މަގުން ހުރިހާ ކަމެއް ކުރިކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އެމްޑީޕީގެ ވިސްނުމާއި ފަލްސަފާކަމަށެވެ. މަމްދޫހު ވިދާޅުވީ، އެމްޑީޕީގެ ކިބައިން އަބަދުވެސް ފެނިގެންދަނީ ރާއްޖެއަށާއި ރައްޔިތުންނަށް ފައިދާވާނެ މަގުން ކޮންމެ ކަމެއް ކުރިޔަސް އެ މަސައްކަތްތަކަށް ހުރަސް އެޅުންކަމަށެވެ. އަދި ވެރިކަމުގައި ތިބެގެން އެމްޑީޕީގެ މަތީ ފަޑީގައި ތިބޭ މީހުން އާންމު ރައްޔިތުންނަށް ލުއިފަސޭހަވެގެންދާނެ އެއްވެސް ކަމެއް ކުރާ މަންޒަރު ފެނިފައިނުވާކަމަށެވެ.
އޭނާ ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތު އެއްކޮށް ފުނޑާލިކަމަށާއި ރަށްތަކުގައި ތިބި އޮޑިތައް އެހެލިއިރުވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށާއި އެމްޑީޕީއިން ވެރިކަން ނިންމާލިއިރު މަސްވެރިންނަށް ދައްކަންޖެހޭ 270 މިލިއަން ރުފިޔާ ހުރިކަމަށެވެ. މެމްބަރު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ހިނގައިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މީގެ ކުރިން ތިބި ވެރިންނަށް ކުރަން ނުކެރުނު އެތައް މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.
މެމްބަރު ވިދާޅުވީ، ގާނޫނު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރަމުންދާ މަންޒަރު ފެނިގެންދާކަމަށާއި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެއްވެސް ވެރިއަކަށް އަޅަން ކެރިވަޑައިނުގެންނެވި ފިޔަވަޅުތައް އެމަނިކުފާނު އަޅުއްވާފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނު އެ ފިޔަވަޅުތައް އެޅުއްވަމުންދަނީ ރާއްޖޭގެ ރައްޔިތުންގެ ހައްގުގައިކަމަށެވެ.
މަމްދޫހު ވިދާޅުވީ، ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާކުރުމަށްޓަކައި އެތައް ފިޔަވަޅުތަކެއް އަޅުއްވަމުންދާ މަންޒަރު ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ފުނޑުފުނޑުކޮށްލާފައިވާ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް އިސްލާހުކޮށްގެން ރައްޔިތުންނަށް ހިދުމަތްތައް ދިނުމަށްޓަކައި ސަރުކާރުގެ ތެރެއިން މަސައްކަތްކުރަމުންދާތަން ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔައިރު އެންސްޕާއިން އެކި އެކި ސަޕްލަޔަރުންނަށް ދައްކަންޖެހޭ އެއް ބިލިއަނަށްވުރެ ރުފިޔާ ހުރިކަމަށާއި އާސަންދައިން ދައްކަން ހުރި އެއްބިލިއަން ރުފިޔާ ހުރިކަމަށެވެ.

