ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ވަގަށް އެހެނިހެން ސިޔާސީ ޕާޓީތަކާއި އަދި ވަކިން ހާއްސަކޮށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދަފްތަރުގައި ހިމަނަމުންދާކަމުގެ ގިނަ ޝަކުވާތަކެއް އެމްޑީޕީއަށް ލިބިފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި އެހެނިހެން ބައެއް ޕާޓީތަކުގެ ދަފްތަރުގައި ވެސް އެމްޑީޕީގެ މެމްބަރުން ހިމަނާފައިވާކަމަށާއި މި މައްސަލަތައް ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް ޕާޓީގެ ފަރާތުން ހުށަހަޅާނެކަމަށް ވަނީ ބުނެފައެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން އީސީއަށް ފޯމު ހުށަހަޅާފައިވާކަން މިކަމުން އެނގޭކަމަށާއި ދައުލަތުގެ ހުރިހާ އިދާރާއަކަށް ނުފޫޒު ފޯރުވައި އެކަން ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިޔުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
ގިނަ މައްސަލަތަކެއް ތިލަވެފައިވާއިރު ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތްތައް އިތުރަށް ހަރުދަނާކޮށް ވަގު ފޯމު ފުރައިގެން ޕީއެންސީގެ ދަފްތަރަށް މީހުން އިތުރު ކުރަން ހުރި ދޮރުތައް ބަންދުކުރުމަށް އީސީއަށް ގޮވާލާކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
މީގެއިތުރަށް ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް ފޯމު ފުރައި މެމްބަރޝިޕް އިތުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އޭގެ އިތުރުން، ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ.

