ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މ އަރާރަތްކުރި ޚާލިދު މަޙުމޫދު އަދި އދ މާމިގިލީ ބްލޫވިންޑް ޙަސަން ނަސީމްއެވެ.
އެމީހުން ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ފުރަތަމަ ވަނީ އެމީހުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް މި މައްސަލައިގައި ހެކި ހުށަހެޅިފައިވެއެވެ. އެގޮތުން އިންްޓެލިޖެންސް ރިޕޯޓާއި، ސީސީޓީވީ ފުޓޭޖް ހިމެނެއެވެ.
އޭގެ އިތުރުން، ދެމީހަކުވެގެން ކާރުގައި ރޯކޮށްލާ މަންޒަރާއި، ރޯކޮށްލުމަށްފަހު ދުވެފައި ދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނައިރު، ހެކިންގެ ބަޔާންތަކުން އޭނާ ފާހަގަކޮށްދީފައިވައިވާކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ކާރުގައި ރޯކޮށްލުމުގެ ސަބަބުން އެ ކާރު ބޭނުން ނުކުރެވޭ މިންވަރަށް އަނދާފައިވާއިރު، މިއީ ދެބައެއްގެ ދެމެދުގައި ހިނގި ދެބަސްވުންތަކަކާ ގުޅިގެން ކޮށްފައިވާ ކަމެއްކަމަށް ބެލެވޭކަމަށް މި މައްސަލައާ ގުޅިގެން ކޯޓަށް ހުށަހެޅިފައިވާ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެމީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން އަނެއްކާވެސް ބަންދު އިތުރު ކޮށްދިނުން އެދި ކޯޓަށް ހުށަހަޅައި ޕީޖީން ވަނީ އެމީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްދިނުމަށް އަމުރުކޮށްފައެވެ.
އެހެންނަމަވެސް ކޯޓުން ނިންމީ މިވަގުތަށް އެމީހުން 10 ދުވަހަށް ބަންދު ކުރުމަށެވެ. އެގޮތުން ކޯޓު އަމުރުގައި ބުނެފައިވަނީ މި މައްސަލައަކީ އާންމު ތަނެއްގައި އޮތް ކާރެއްގައި ބަޔަކު ރޯކޮށްލިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް ޕީޖީން ހުށަހަޅާފައިވާ ފޯމުގައި ހަމައެކަނި ބަޔާންކޮށްފައިވަނީ ޤާނޫނުލްއުޤޫބާތުގެ 220 ވަނަ މާއްދާއާ ޙަވާލާދީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތު އެކަނިކަން އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ ކުރިން ޕީޖީން އެމީހުންގެ މައްޗަށް ކުރާނެ ދައުވާއާއި، އެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަދަބަށް ރިއާޔަތް ކުރަންޖެހޭނެކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އަދި ޕީޖީ އޮފީހުން މިހާރު ހުށަހަޅާފައިވާ ފޯމުން މިއީ ޖިނާއީ ބޮޑު މައްސަލައެއްކަން އެނގެން ނެތްކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.
އެހެންކަމުން ޝަރީއަތުން ނިންމާފައިވަނީ މިވަގުތަށް އެ ދެމީހުން 10 ދުވަހަށް ބަންދު ކުރުމަށެވެ.
ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ އިސްގާޒީ އާދަމް މުޙައްމަދުއެވެ.

