އެކި ކުންފުނިތަކުގެ ޙަވާލުގައި 6000 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ފުރައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ޑިސެމްބަރު މަހު ރާއްޖެއިން އުމްރާއަށް ގޮސްފައިވާ އެންމެހައި އަޚުންނާއި އުޚުތުންގެ ޙާލުވެސް ރަނގަޅު ކަމަށެވެ.
އޭގެ އިތުރުން، މި އަހަރު އެކި ކުންފުނިތަކުގެ ޙަވާލުގައި 6373 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ފުރާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގައި އަމަލު ކުރަން ޖެޒެޓުކޮށްފައިވާ އުސޫލުތަކާއި ކުންފުނިތަކުން މިނިސްޓްރީ ދެމެދު ވެފައިވާ އެއްބަސްވުމާއި ހިލާފުވާނަމަ ނުވަތަ އެއަށް އަމަލު ނުކުރާ ކުންފުނިތަކަށް ގަވައިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުގެ 19 ވަނަ މާއްދާއަށް އަމަލުކޮށްފައި ނުވާ ކުންފުނިތަކާއި މެދު ފިޔަވަޅު އަޅާނެކަމަށާއި، އޭގެ ތެރޭގައި ހުއްދަ ބާތިލު ކުރުން ވެސް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ އުމްރާވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިނިސްޓްރީން ކުރަމުން ގެންދާނެކަމަށެވެ.
އުމްރާއަށް މީހުން ގެންދިއުމުގައި ކުންފުނިތަކުން މަކަރާއި ހީލަތް ހަދާ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެ އެވެ. އޭގެ ތެރޭގައި ފައިސާ ނަގައި، އެންމެ ފަހު ވަގުތު އިންތިޒާމުތައް ހަމަނުޖެހޭކަމަށް އެންގުމައި އެނބުރި އައުމަށް ޓިކެޓު ނަގާފައި ނެތުން ފަދަ ގިނަ މައްސަލަތައް ހިމެނެ އެވެ. އާންމުކޮށް މައްސަލައެއް ފެންމަތިވެގެން އަންނައިރު، އެ ކުންފުންޏަކާއި ގުޅޭގޮތުން ކުރީ އަހަރު ވެސް ޝަކުވާތައްކޮށްފައި ހުރެއެވެ.

