އިންޑިއާގެ ކުރީގެ ބޮޑުވަޒީރު، ޑރ. މަންމޯހަން ސިންގްގެ ހަނދާނުގައި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ސޮއިކުރައްވައިފި އެވެ.
ދަފުތަރުގައި ސޮއިކުރައްވައި ރައީސް މުއިއްޒު ލިޔުއްވި މެސެޖުގައި، ޑރ، ސިންގްއަކީ ތަޖްރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށާއި، ހާއްސަކޮށް ހިކުމަތްތެރި ނިންމެވުންތަކާއެކު އެތައް ބައެއްގެ އިހުތިރާމް ހޯއްދަވާފައިވާ ޝަޚްސެއްކަން ފާހަގަ ކުރެއްވިއެވެ. އަދި 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޑރ. ސިންގް ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅުގެ ހަނދާންތައް އައުކުރައްވައި، އެ ދަތުރުފުޅުގެ ސަބަބުން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމުގެ އުއްމީދުތަކަށް އިތުރު ހަރުދަނާކަމެއް ލިބިގެންދިޔަ ކަމުގައި ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު މެސެޖު ނިންމަވާލައްވާފައި ވަނީ، ފުން ހިތާމައިގެ މިދަނޑިވަޅުގައި ޑޮކްޓަރ ސިންގްގެ ޢާއިލާއަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވަމުންނެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް އަވަހާރަވީ މިހިނގާ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

