ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ އަތުން ފޭރެން މަސައްކުރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން އިތުރު ފަނަރަ ދުވަސް ދީފި އެވެ.
އަލިކިލެގެފާނު މަގުން ސައިކަލުގައި ދުއްފައި ދިޔަ މީހެއް ކަރުގައި އޮތް ފަށެއް ފޭރެން މަސައްކަތް ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ވ. ފިޔަބަރި، މާލެ ހަސަން އިސާމު އެވެ.
ތޫނު ހަތިޔާރު ބޭނުން ކުރުމުގެ ކުށުގައި އޭނާއަށް އެންމެ ފުރަތަމަ ޖެހީ ހަތް ދުވަހުގެ ބަންދެކެވެ. އަދި މައްސަލައިގެ ކޯޓު އަމުރުން އެނގޭ ގޮތުގައި، ފޭރުނު މައްސަލައިގައި އޭނާ ބަލައި ފާސްކުރިއިރު އަތުން ދެ އިންޗި ހުރި ވަޅިއެއް ވަނީ ފެނިފަ އެވެ.
މީގެއިތުރުން ފުރަތަމަ ކޯޓަށް ހާޒިރު ކުރިއިރު، ނެރުނު އަމުރުގައި ވާގޮތުން ފޭރުމުގެ ހާދިސާ ހިނގިތަނާއި ހިނގި ގޮތް އަދި ތުހުމަތު ކުރެވޭ ސަބަބުތަކުގެ ހެކި ހުށަހަޅާފައި ނެތެވެ. ހަތް ދުވަހުގެ ބަންދު ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަސް ޖެހިިއިރު އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އަދި ބުނީ އޭނާގެ އަތުގައި ފޭރުނު ފަށް ނެތްކަމަށާއި ގެއްލުން ލިބުނު މީހާއަށް، ބަދަލު ދޭނެ ކަމަށެވެ.
މައްސަލައިގައި ފުލުހުން ވަނީ ފުލުހުންގެ ބަޔާނުގެ އިތުރުން، ސީސީޓީވީ ވެސް ހުށަހަޅާފަ އެވެ.
މައްސަލައިގެ ހައްޔަރުގައި ހުރި ހަސަން އިސާމަކީ ކުށުގެ ބޮޑު ރެކޯޑެއް އޮތް މީހެކެވެ.
މި މަހުގެ 20 ވަނަ ދުވަހު ހިނގި އެ ހާދިސާގެ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯގައި ފެންނަ ގޮތުން ސައިކަލުގައި ދިޔަ އަންހެން މީހާއާއި އަރައި ހަމަކުރުމަށް ފަހު ސައިކަލުގައި އައިސް ފިރިހެން މީހާ ފުރަތަމަ މަސައްކަތް ކުރީ ކަރުގައި އޮތް ފަށް ފޭރިގަތުމަށެވެ. އެކަމަކު އޭނާއަށް އެކަން ނުވުމުން ސައިކަލުން ފައިބައި ދެން މަސައްކަތް ކުރަނީ އަތުގައި އޮތް އަތް ދަބަސް ފޭރިގަތުމަށެވެ. އެވަގުތު އަންހެން މީހާ ދުވެފައި ގޮސް އެ މަގުގައި ހުރި ހަނި ގޯޅިއަކަށް ވަނުމުން، އޭނާއަށް ދަބަހާއި ފޯނު ވެސް އަތުލެވޭ ގޮތެއް ނުވި އެވެ.
އެވަގުތު މަގުމަތީ މަޑުކޮށްގެން ގިނަ ބަޔަކު އެ މަންޒަރު ބަލަން ތިބިއިރު، އެއްވެސް މީހެއް ފިރިހެން މީހާ ހުއްޓުވުމަށް މަސައްކަތެއް ނުކުރެ އެވެ. އަދި އޭނާ ސައިކަލަށް އަރައި ފިލައިގެން ދިއުމުން، އަންހެން މީހާގެ ސައިކަލު މަގުމައްޗަށް ވެއްޓިފައި އޮތްވައި އެހެން މީހަކު މަގުގެ އެއް ފަރާތަކަށް ސައިކަލު ޕާކު ކުރެއެވެ.
އެއީ ފިރިހެން މީހާ ގޮސް ސައިކަލަށް އެރި ވަގުތު، ފަހަތުން އައިސް އެހެން ސައިކަލެއްގައި މަޑު ކުރި މީހެކެވެ.
ފިރިހެން މީހާ ފޭރެން މަސައްކަތް ކުރިއިރު ހުރީ މޫނު ނިވާ ވާގޮތަށް، ހެލްމެޓެއް އަޅައިގެންނެވެ.

