ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ކަސްޓަމްސްއިން ހާމަކޮށްފި އެވެ.
މީޑިއާތަކަށް އާންމު ކުރި ބަޔާނެއްގައި ކަސްޓަމްސް ބުނީ، މިދިޔަ ބުރާފަތި ދުވަހު، މިތަކެތި އަތުލައިގަނެފައި ވަނީ ތައިލެންޑުން ރާއްޖެއައި ބައެއްގެ އަތުން ކަމަށެވެ. އުމުރުން 41 އަހަރާއި، 21 އަހަރުގެ އެ ދެ މީހުންގެ އަމަލުތަކުގައި ޝައްކު ކުރެވޭ ކަންތަކެއް ހުރުމުން އެ މީހުން އިތުރަށް ބަލައި ފާސްވެސް ކުރި އެވެ.
ކަސްޓަމްސް ބުނެފައި ވަނީ، އެ ދެ މީހުން ވެސް މަސްތުވާތަކެތި ފޮރުވާފައި ވަނީ ހަށިގަނޑުގައި ކަމަށެވެ.
މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށްވާ ހެރޮއިން އަދި މެފެޑްރޯންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ކަސްޓަމްސް ބުނެފައި ވަނީ މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2.4 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަން 5.5 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލްވާ ދެ މީހުން ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

