ނިމިދިޔަ އަހަރު އެކި މަންޒިލްތަކަށް މުދާ އުފުލޭ މިންވަރު ދެގުނަ އިތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ އިން ބުނެފިއެވެ.
ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި އެމްއެސްއެސްގެ ފަރާތުން މައުލޫމާތު ދެމުން ބުނެފައިވަނީ އެމްއެސްއެސްއަކީ މުދާ އުފުލާ ބައެއް ކަމަށާއި އެހެންކަމުން އަބަދުވެސް ބަލަނީ މުދާ އުފުލުން އިތުރުކުރެވޭތޯ ކަމަށެވެ. ކުންފުނިން ބުނެފައިވަނީ ރާއްޖެއަށް 90 އިންސައްތަ މުދާ އަންނަނީ ސްރީލަންކާއިން ކަމަށެވެ. ލަންކާއިން ރާއްޖެއަށް މުދާ ގެނައުމުގައި ގާތް ގަނޑަކަށް 60 އިންސައްތަ ހިއްސާ ކުރާނީ ކުންފުންޏަށް ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން 2024 ވަނަ އަހަރު މުދާ އުފުލޭ މިންވަރު ދެގުނު ކުރެވުމާއި ގުޅިގެން މުދާ ގެންނަ ފަރާތްތަކަށް ވަރަށް ބޮޑުތަނުން ފަސޭހަ ވެގެންދާނެ ކަމަށް އެމްއެސްއެސްއިން ވަނީ ބުނެފައެވެ. މުދާ އުފުލުން އިތުރު ކުރުމަށްޓަކައި ދެ މަންޒިލަކަށް ހިދުމަތް ފުޅާ ކުރެވިފައިވާ ކަމަށް ކުންފުނިން ވަނީ ބުނެފައެވެ. އެއީ މެލޭޝިޔާގެ ޕޯޓް ކްލާންގަށާއި އަދި އިންޑޮނޭޝިޔާގެ ބެލާވާން އަށެވެ. މީގެ އިތުރަށްވެސް ވިޔަފާރި ފުޅާކުރުމަށްޓަކައި އިތުރު މަންޒިލުތަކަށް ދަތުރުތައް ފަށާނެ ކަމަށް އެމްއެސްއެސްއިން ވަނީ ބުނެފައެވެ.
އެމްއެސްއެސް މެދުވެރިކޮށް އެސްޓީއޯއިން ގެންނަ ކާޑު، ދަތިކަމެއް ނެތި ކޮންމެ ތަނަކުންވެސް ގެނެވޭނެ މަގު ހޯދައިދެވިފައިވާކަމަށް ކުންފުނީގެ އެމްޑީ ވިދާޅުވިއެވެ. މިއީ ގައުމުގެ ފުޑް ސެކިއުރިޓީ މިނިވަންކަމާއިއެކު ދެމެހެއްޓުމަށް ވަކި ގައުމަކަށް ބަރޯސާނުވެ އުޅުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ކުންފުނިން ފާހަގަކުރެއެވެ.
އޭގެއިތުރަށް މިފްކޯއާއި ގުޅިގެން މަސް ރާއްޖެއިން ބޭރުގެ ކޮންމެ ތަނަކަށްވެސް އެމްއެސްއެސްގެ ކޮންޓެއިނަރުތަކަށް ލޯޑުކޮށް، މިތަކެތި މިފްކޯގެ ކަސްޓަމަރުންނާއު ހަމައަށް ރާއްޖޭގައި އަދި ރާއްޖެއިން ބޭރުގައި ދުއްވާ އެމްއެމްއެސްގެ އުޅަނދުތައް މެދުވެރިކޮށް ފޮނުވަން ވަނީ ފަށާފައެވެ. މިކަމުގެ ސަބަބުން މަސްވެރި މޫސުމުގައި މަސް ނުކިރުމުގެ މައްސަލައަށް ހައްލެއް އަންނާނއ ކަމަށާއި އަދި އިތުރު މަންޒިލްތަކަށް މަސް ވިއްކުމަށް މަގުފަހިވާނެ ކަމަށް އެމްއެސްއެސްއިން ވަނީ ބުނެފައެވެ.

