ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަށް ޑިޖިޓަލް ސާވިސް ސަޕެޝަލިސްޓަކު ހޯދަން އިއުލާނުކޮށްފިއެވެ.
ޑިޖިޓަލް ސާވިސް ސްޕެޝަލިސްޓެއްގެ މަގާމަށް ސައުގުވެރިވާ ފަރާތްތަކަށް ވަޒީފާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މަގާމަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 25،300 އާއި 36،000 ދެމެދުގެ އަދަދެކެވެ. އެހެންނަމަވެސް މުސާރަ ކަނޑައަޅާނީ އެ މީހެއްގެ ތަޖުރިބާ އާއި ތައުލީމީ ފެންވަރަށް ބެލުމަށްފަހުއެވެ.
ޑިޖިޓަލް ސާވިސް ސްޕެޝަލިސްޓްގެ ޒިންމާތަކުގެ ތެރޭގައި ހޯމް މިނިސްޓްރީ މެދުވެރިކޮށް އެންސީއައިޓީން ކުރިއަށް ގެންދާ ޑިޖިޓަލް ޑިވެލޮޕްމަންޓް އެކްޝަން ޕްލޭން ތަންފީޒު ކުރަމުން އަންނަނީ ސަރުކާރުގެ ނޭޝަނަލް ރެސިލިއެންސް އެންޑް ރިކަވަރީ (އެންއާރް) ޕްލޭމާއި އެއްގޮތައްތޯ ބެލުން ހިމެނެއެވެ.
އެންސީއައިޓީގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީއެމްޔޫ) ސެޓަޕް ކުރުމާއި، އެ ޔުނިޓްގެ މަސައްކަތްތައް މިނިސްޓަރަށް ރިޕޯޓް ކުރުމާއި މިނިސްޓަރުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން ހިމެނެއެވެ.
މީގެއިތުރަށް ޖީޑީއެސްގެ މަސައްކަތްތައް ފަރުމާކުރުމާއި ތަންފީޒުކުރުމާއި ހިންގުމުގެ އިންތިޒާމުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި އެންމެ ރަނގަޅު އުސޫލުތަކާއި ލަފާތަކާ އެއްގޮތަށް މަސައްކަތްތައް ހިންގަމުން ދާކަން ކަށަވަރު ކުރުމަކީ ވެސް ޑިޖިޓަލް ސާވިސް ސްޕެޝަލިސްޓްގެ ޒިންމާއެކެވެ.

