ގިނަ އަދަދެއްގެ ބަޔަކު ހުކުރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާތީ، މާދަމާ ރާއްޖެއިން ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް މޯލްޑިވްސް އެއާޕޯޓްްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެދިއްޖެއެވެ.
އެމްއޭސީއެލްއިން ބުނީ، އުމްރާވެރީން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށާއި، އެހެންކަމުން އެއާޕޯޓް ބާރު ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެހެންކަމުންް އެއާޕޯޓުގެ މަގުތަކާއި ޓާމިނަލް ސަރަހައްދުގައި ތޮއްޖެހުން ކުޑަ ކުރުމަށް، މާދަމާ ރާއްޖެއިން ފުރާ ދަތުރުވެރިން އެއާޕޯޓަށް ހާޒިރުވާންޖެހޭ ވަގުތުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ހާޒިރުވުމަށް އެދޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ހަމައެއާއެކު، މީހުން ތޮއްޖެހޭ ގަޑިތަކުގައި ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންގެ ފަރާތުން އެއްބާރުލުން ދީ އެއާޕޯޓު ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުނަ ނުދިނުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.

