ސިޔާސީ މަގާމެއްގައި ހުރެގެން ދައުލަތާއި ދެކޮޅަށް ވަކާލާތު ނުކުރެވޭނެކަމަށް ނެރުނު އަމުރުގެ އިސްތިއުނާފު ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ފަހު މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
މިއީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ ރައްދުވާ މީހެއްގެ ވަކީލަކަށް އެންވައިރޮމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުރެ މުހައްމަދު ރާގިބު ވަކީލެއްގެ ގޮތުގައި ދިއުމުން ހައިކޯޓުން ކުރި ހުކުމެއްގެ މައްސަލައެކެވެ. ސަރުކާރުގެ މަގާމެއްގައި ހުއްޓައި ރާގިބު ވަކިކުރީ، ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ދީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް އޮފީހާއި ދެކޮޅަށް މައްސަލަ ހުށަހެޅުމުންނެވެ. އޭގެ ކުރިން ވެސް އޭނާ ޑެޕިއުޓީ މިނިސްޓަރަކަށް ހުރެ، ދައުލަތާއި ދެކޮޅަށް އިތުރު އެހެން މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި ކޯޓަށް ވަޑައިގެންފައި ވެއެވެ.
ރާގިބު ވަކާލާތު ކުރި މައްސަލައެއްގައި ހައިކޯޓުން ނިންމި ނިންމުމެއްގައި ވަނީ، ދައުލަތުގެ މަގާމެއްގައި ހުރެގެން ދައުލަތާއި ދެކޮޅަށް ވަކާލާތު ނުކުރެވޭނެކަމަށެވެ. އެ ނިންމުން ރާގިބުގެ ފަރާތުން އިސްތިއުނާފު ކުރީ މަގާމުން ވަކި ނުކުރަނީހެވެ.
ސުޕްރީމް ކޯޓަށް ރާގިބު ހުށަހެޅި މައްސަލަ، ވެބްސައިޓުން ފެންނަން ނެތުމުން އެކަމާ ގުޅިގެން މީޑިއާތަކުން ކުރި ސުވާލަށް އޭނާ ވިދަޅުވީ އިސްތިއުނާފު އަނބުރާ ގެންގޮސްފައިވާކަމަށެވެ. އަދި އޭނާއަކީ މިވަގުތު ދައުލަތުގެ އެއްވެސް މަގާމެއްގައި ހުރި ސިޔާސީ މީހަކަށް ނުވާތީ އެ މައްސަލަ އޭނާގެ ފަރާތުން ހުށަހަޅައިގެން ކުރިޔަށް ދިއުމުގެ ބޭނުމެއް ނެތްކަމަށް ވިދާޅުވި އެވެ.
ރާގިބު ވިދާޅުވި ގޮތުގައި ސިޔާސީ މަގާމެއްގައި ނެތި، އޭނާ ހުށަހެޅި މައްސަލަ ކުރިޔަށް ގެންގޮސްގެން ސަރުކާރުގެ އެއްވެސް ބަޔަކަށް އޭގެއިން ފައިދާއެއްވާން ބޭނުމެއް ނޫނެވެ.
ދައުލަތާއި ދެކޮޅަށް ތަކުރާރުކޮށް ކޯޓަށް ވަޑައިގެން ވަކާލާތު ކުރި މައްސަލައިގައި ސަރުކާރުން ވަނީ ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަ ފަރާތެއް، ދައުލަތުގެ މުވައްސަސާއަކާއި ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހުއްދަކަމެއް ނޫންކަމަށް ބުނެފައެވެ. އަދި ސިޔާސީ ގޮތުން އައްޔަނުކޮށްފައި ތިބޭ ބަޔަކަށް ވެސް އެ ހުއްދައެއް ނޯންނާނެކަމަށް ބުނެފައި ވެއެވެ.

