2023 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާ ބަލާއިރު 2024 ވަނަ އަހަރު އިމްޕޯޓާއި އެކްސްޕޯޓުކުރެވުނު މުދަލުގެ އަދަދުތައްވެސް ދަށްވެފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން 2024 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހު އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުގައި އެ މުއައްސަސާއިންވަނީ ދިވެހިރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަަތާއި އެ މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެމްއެމްއޭއިން ބުނެފައި ވަނީ 2023 ވަނަ އަހަރާއި އަޅާ ބަލާއިރު 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއިން މުދާ އެކްސްޕޯޓުކުރެވުނު މިންގަނޑުތައްވަނީ 26 އިންސައްތައިން ދަށްވެފައިވާ ކަމަށެވެ. އަދި ރާއްޖެއަށް އިމްޕޯޓުކުރި މިންގަނޑުތައްވެސް މި މުއްދަތުގައި 22 އިންސައްތައިން ދަށަށް ގޮސްފައިވާކަމަށް ބުނެފައިވެއެވެ.
އެ މުއައްސަސާއިން ބުނާގޮތުން މުދާ އެކްސްޕޯޓުކުރެވިފައިވާ މިންގަނޑުތަށް ދަށްވެގެންދިއުމަށް ދިމާވީ ރާއްޖޭގައި އުފައްދާ މުދަލާއި ރާއްޖެއަށް އެތެރެކުރުމަށްފަހު އަލުން އެކްސްޕޯޓުކުރެވޭ މުދަލުގެ އަދަދުތައްވެސް ދަށްވުމުގެ ސަބަބުންކަމަށެވެ. އެގޮތުން ޖެޓް ފިއުލް ރީއެކްސްޕޯޓުކޮށްގެން ހޯދާފައިވާ އާމްދަނީގެ އިތުރުން ރީއެކްސްޕޯޓުކުރެވޭ އެހެނިހެން މުދަލުން ހޯދާފައިވާ އާމްދަނީގެ އަދަދުތަކުންވެސް މިކަން ފެނިގެންދާކަމަށެވެ.
ރާއްޖޭގައި އުފައްދާ މުދާ އެކްސްޕޯޓުކުރި މިންގަނޑުތަށް ދަށަށް ގޮސްފައިވާ ސަބަބުތަކުގެ މައްޗަށްވެސް އެމްއެމްއޭގެ ރިޕޯޓުގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން މައިގަނޑު ގޮތަކަށް އެކަން ދިމާވީ ގަނޑުކޮށްފައިވާ ކަޅުބިލަ މަހުގެ އާމްދަނީ ދަށަށް ދިއުމުންކަމަށާއި ގަނޑުކޮށްފައިވާ ކަންނެލި މަސް އެކްސްޕޯޓުކުރެވިފައިވާ މިންގަނޑުތައް ދަށްވެފައިވާކަމުގެ މައުލޫމާތު ރިޕޯޓުގައި ހިމެނޭއިރު ދަޅާއި ޕައުޗުގައި ބަންދުކުރެވިފައިވާ މަހުގެ ބާވަތްތަކުގެ އާމްދަނީވެސް ދަށްކަން ހާމަކޮށްފައިވެއެވެ.
މުދާ އިމްޕޯޓުކުރެވިފައިވާ އިންސައްތަ ދަށަށް ގޮސްފައިވަނީ މައިގަނޑު ގޮތެއްގައި ރާއްޖެއަށް އެތެރެކުރާ ޕެޓްރޯލިއަމްގެ ބާވަތްތަކުގެ އަދަދުތައް ދަށްވުމުންނާއި ޓްރާންސްޕޯޓާއި ގުޅުން ހުރި ސަމާނުގެ އިތުރުން ކޮންސްޓްރަކްޝަނަށް ބޭނުންވާ މުދަލާއި ކާބޯތަކެތި އަދި މެޝިނަރީ އާއި މެކޭނިކަލް އެޕްލައެންސަސް އިމްޕޯޓުކުރި އަދަދުތައް ދަށްވުމުންކަމަށް ބުނެފައިވެއެވެ. ނަމަވެސް ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ސާމާނާއި ކަރަންޓު ބޭނުންކޮށްގެން ހިންގާ ސާމާނު އިމްޕޯޓުކުރުމަށް ކޮށްފައިވާ ހަރަދުތައް އިތުރުވެފައިވާކަން ފާހަގަކުރެވޭކަމަށާއި ފަރުނީޗަރާއި ފިޓިންގްތައްވެސް އިމްޕޯޓުކުރެވިފައިވާ މިންގަނޑު އިތުރުކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެ މުއައްސަސާއިން ބުނެފައިވާގޮތުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ބަލާއިރު އެކްސްޕޯޓު ކުރެވިފައިވާ ޖުމުލަ މުދަލުގެ އަދަދުތައް 11 އިންސައްތައިން ދަށްކަމަށާއި އިމްޕޯޓުކުރެވިފައިވާ މިންގަނޑުތައް 2023 ވަނަ އަހަރާއި އަޅާ ބަލާއިރު 3 އިންސައްތައިން ދަށްކަމަށެވެ.

