މޫސުން ގޯސްވެ މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް އޮރެންޖް އިންޒާރު ނެރެފިއެވެ.
މެޓް އިން ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރުނު އޮރެންޖް އިންޒާރުގައި ބުނެފައި ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަަށް ލަފާ ކުރެވޭ ކަމަަށެވެ. މި އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 7:00 އަށެވެ.
މީގެ އިތުރުން މެޓް އިން ވަނީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށްވެސް ވަނީ ބުނެފައެވެއެވެ. މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކޮށް ވިދާޅުވެފައި ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއިި އިރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އިން ލަފާ ކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
މެޓް އޮފީހުން ވަނީ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދު ރާއްްޖެތެރޭގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

