އިންޑިއާއަކީ ރާއްޖޭގެ އިގްތިސާދުގެ މުހިންމު ބައިވެރިއެއްކަމަށާއި، އަންނަން އޮތް ޖީލުތަކަށް މި ގުޅުން ގެންގޮސް ދިނުން މުހިންމުކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ، މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާއި އެކު އޮތް ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއީ ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު، ޚަލީލް އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ޖައިޝަންކަރާއި ބައްދަލު ކުރައްވައި ޚަލީލް ވިދާޅުވީ ކުރިޔަށް މިދާ އަހަރުގައި ރާއްޖެއަށް އަހަރުގައި ވެސް އިންޑިއާއި އެކު އިތުރަށް ގުޅުން ބަދަހި ކުރެވި އެކުގައި މަސައްކަތް ކުރެވޭނެކަމުގެ އުންމީދު ކުރައްވާކަމަށެވެ.
މިއީ ރާއްޖެއާއި އިންޑިއާ ޚާރިޖީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަކޮށް ޚަލީލް ވިދާޅުވީ، ދެ ގައުމު އަބަދުވެސް އެއް ބަޔަކު އަނެއް ބަޔަކަށް ފުރިހަމަ އިހުތިރާމު ކުރިކަމަށެވެ. އަދި މި ގުޅުން އަންނަން އޮތް ޖީލުތަކާއި ހަމައަށް ވާސިލުކޮށްދެވޭނެ މަގު ހޯދައި، ތަރައްގީ ގެނެވޭނެކަމަށް ޚަލީލް ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވީ އިންޑިއާގެ ނައިބަހުޑް ޕޮލިސީގެ ދަށުންނާއި، ރާއްޖެއަށް ބޭނުންވި ކޮންމެ ވަގުތެއްގައި ވެސް އެންމެ ގާތް އެކުވެރިޔާގެ ޒިންމާ އަދާކުރާތީ އެކަމަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާކަމަށެވެ.
މީގެއިތުރުން ޚަލީލް ވިދާޅުވީ އިގްތިސާދީ ގޮތުން އިންޑިއާ ފޯރުކޮށްދިން އެހީތަކާއި އެކު ރާއްޖެއަށް އޭގެ ހެޔޮ ބަދަލު އައިސްފައިވާކަމަށެވެ. އަދި ކުދި މަޝްރޫއުތަކުން ފެށިގެން ބޮޑެތި މަޝްރޫއުތަކާއި ހަމައަށް އެހީފޯރުކޮށްދިން އިރު ޚަލީލް ވަނީ މިހާރު ކުރިޔަށްދާ ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓަކީ އިންޑިއާގެ އެހީގައި މިވަގުތު ކުރިޔަށް ދާ އެންމެ ބިޔަ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވާފައެވެ.

