ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާ ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފަށް ބޭނުންވާ ލިޔުންތައް ދިރާސާކުރަން ފަސް ދުވަހުގެ ވަގުތު ދެއްވުމަށް ކޯޓުގައި އެދުމުން ދައުވާ ލިބޭ ފަރާތުން އެދޭ މިންވަރަށް ވަގުތު ދެވެން ނެތް ކަމަށް ޝަރީއަތުން ނިންމައިފިއެވެ.
މޯލްޑިވްސް އިންޓަރ ނޭޝަނަލް ފައިނޭންޝިއަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރު ފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމުގައި ދައުލަތަށް ފައިދާ ނުވާގޮތަށް އަމަލުކުރެއްވި ކަމަށް ބުނެއެވެ. އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއެވެ.
އެ ދައުވާކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގައި ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ވިދާޅުވީ މައްސަލައިގެ ލިޔުންތައް ހަވާލުކުރަންވެސް ޖިހާދު ކޯޓަށް ހާޒިރުކުރަން ޖެހުނީ ފުލުހުންގެ މައްޗަށް އަމުރެއް ނެރެގެން ކަމަށް ކޯޓުން ވަނީ ބުނެފައެވެ.
ޖިހާދުގު ވިދާޅުވީ އޭނާގެ މައްސަލައެއް ކޯޓުގައި އޮތްކަން އެނގެވަޑައިނުގަންނަވާ ކަމަށާއި ޖިހާދު ރާއްޖެ ވަޑައިގަތީވެސް މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ. އޭނާގެ ގެއަށް ފުލުހުން ދިޔުމުން ފުލުހުންނާއެކު ކޯޓަށް ހާޒިރުވެ ވަޑައިގަތް ކަމަށާއި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ވިދާޅުވިއެވެ. އެހެންވެ ވަކީލަކު ހޯދައި ލިޔުންތައް ދިރާސާކުރަން ފަސް ދުވަހުގެ ވަގުތު ދެއްވުމަށް ޖިހާދު އެދިވަޑައިގެންނެވިއެވެ.
ފަނޑިޔާރު ވިދާޅުވީ މިފަދަ މައްސަލަތަކަކީ ކޯޓަށް ހުށަހެޅޭ ތާރީހުން ފެށިގެން 14 ދުވަސް ތެރޭ ނިންމަން ޖެހޭ ބާވަތުގެ މައްސަލައެއް ކަމަށާއި އެހެންކަމުން ދައުވާ ލިބޭ ފަރާތުން އެދޭ މިންވަރަށް ވަގުތު ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އިތުރު ވަގުތު ބޭނުންވާ ކަމަށް ޖިހާދު ވިދާޅުވަނީ ލިޔުންތައް އިއްޔެ ލިބުނު ކަމަށް ވިދާޅުވެއެވެ. ނަމަވެސް، ފަނޑިޔާރު ވިދާޅުވީ ލިޔުންތައް ހިފައިގެން ކޯޓު އޮފިސަރު ޖިހާދު އުޅުއްވާ ގެއަށް ދިޔުމުން އެ ގޭގެ މެއިޑް އެންމެ ފުރަތަމަ ޖިހާދު ގޭގައި އުޅުއްވާ ކަމަށް ބުނެ ފަހުން އައި ފޯނު ކޯލަކާ އެކު ގޭގައި ނޫޅުއްވާ ކަމަށް ބުނެފައިވާ ކަމަށެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި، ފުލުހުންގެ އަމުރެއްގެ ދަށުން ލިޔުންތައް ހަވާލުކުރަން ޖެހުނީ ވެސް ގެއިން ލިޔުންތަކާ ހަވާލު ނުވުމުންނެވެ.

