ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާމެންދޫއަށް ރައީސް ދެއްވީ ތަރައްގީގެ ޔަގީންކަން!

މާމެންދޫ ކައުންސިލާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާމެންދޫގެ ތަރައްގީގެ މަސައްކަތްތައް ކަނޑައެޅިފައިވާ ތަރުތީބެއްގެ މަތިން ބާރު ދުވެލީގައި ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ގއ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ޑރ މުއިއްޒުވަނީ ރަށަށް ކުރިމަތިވެފައިވާ ގިނަ ދަތިތަކާއި ގުޅޭގޮތުން ކައުންސިލާއިއެކު މަޝްވަރާތައް ކުރިއަށް ގެންދެވިފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަމަކީ ސަރުކާރުގެ ތަރައްގީގެ ސިޔާސަތުގެ ދަށުން އެހެނިހެން ރަށްތަކާއިވެސް އެއްފަދައިން އިސްކަން ދެއްވާނެ ކަންކަން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކި ސަރުކާރުތަކުން ފަށައި އެކި ސަބަބުތަކާއި ގުޅިގެން ހުއްޓިފައިވާ ގިނަ މަސައްކަތްތަކެއް ހުރިކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން ރައްޔިތުންނަށް އެތައް ތަކުލީފުތަކަކާއި ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. ކައުންސިލާއިއެކު ބޭއްވި ބައްދަލުވުމުގައި ވަރަށް ތަފްސީލީ ގޮތެއްގައި ދަތިތަކުގެ މައުލޫމާތުތައް ލިބިވަޑައިގެންފައިވާކަމަށާއި އެންމެ ބޮޑު އެއް މައްސަލައަކީ ރަށުގެ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތްތައް ނުނިމިފައިވާ މައްސަލަކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރައްވަމުންދާ ދަތުރުފުޅުގެ ބޭނުމަކީ އެފަދަ މައްސަލަތަކަށް ހައްލެއް އަންނާނެކަމުގެ ޔަގީންކަން ދެއްވުންކަމަށާއި ނަރުދަމާގެ މަޝްރޫޢު ނުނިމިފައިވާ މައްސަލަ އެއްކޮށް ހައްލުކޮށްދީ މަސައްކަތްތައް ކުރިއަށް ގެންދާނެ މަގު ފަހިކޮށްދެއްވާނެކަމަށެވެ. ރައީސް ވިދާޅުވީ، ލަސްތަކެއް ނުވެ ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމައިދެއްވާނެކަމަށާއި އެކަމުގެ ޔަގީންކަން އަރުއްވާކަމަށެވެ.

ރައީސް ވިދާޅުވީ، އެ މަސައްކަތްތައް ނިމުމާއިއެކު މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށާއި ސަބަބަކީ އޭގެ ކުރިއަށް ނަރުދަމާ ގާއިމުވެ ނިމެން ޖެހުންކަމަށެވެ. އަދި އެ މަސައްކަތްތައްވެސް ބާރު ދުވެއްޔެއްގައި ކުރިއަށް ގެންގޮސް ނިންމައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވިއެވެ.

ރަށް ގިރަމުންދާ މައްސަލައަށް އަލިއަޅުއްވައި ރައީސް ވިދާޅުވީ، މާމެންދޫގެ ގިރާ ސަރަހައްދުގެ މައްސަލައަކީ އިންތިހާއަށް ބޮޑުވެފައިވާ ދަތިކަމެއްކަމަށާއި އެކަން ހައްލުކުރުމަށްޓަކައި ކައުންސިލުން ހުށައަޅުއްވާފައިވާ ގޮތް އެމަނިކުފާނަށް ކަމުދާކަމަށެވެ. އެގޮތުން ދާއިމީ ހައްލެއް ގެނެވެންދެން ވަގުތީ ހައްލެއް ގެނައުމުގެ މަސައްކަތްތައް ކައުންސިލާއި ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީއިން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުރިއަށް ގެންދާނެކަމަށެވެ. އަދި އެއަށްފަހު ދާއިމީ ހައްލެއް ގެނައުމަށްޓަކައި ބޭނުންވާ އެއްބާރުލުން ދީގެން ހުރިހާ ކަމެއް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. މާމެންދޫގެ ޒުވާނުންނަށް ބޭނުންވާ ވަސީލަތްތަކާއި ބަނދަރު އިތުރަށް ތަރައްގީކުރުމާއި ގުޅޭގޮތުންވެސް އެމަނިކުފާނު ވަނީ މި ފުރުސަތުގައި ވާހަކަދައްކަވާފައިކަމަށްވާއިރު ރާއްޖޭގެ އެންމެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ގުޅޭގޮތުންވެސް ވާހަކަދެއްކެވިއެވެ.

ރައީސް ވިދާޅުވީ، އެންމެ ގިނަ އަދަދެއްގެ ރައްޔިތުންނަށް މުހިންމީ އެ މައްސަލައަށް ހައްލެއް އައުންކަމަށާއި ރައްޔިތުން އެދެމުންދަނީ ބޯހިޔާވަހިކަން ރަނގަޅު ގޮތުގައި ލިބިގެންދިއުންކަމަށެވެ. އަދި އެކަން ޔަގީންވެވަޑައިގަންނަވާކަމަށްވުމުން މެނިފެސްޓޯގައިވެސް އެންމެ މުހިންމު ސިޔާސަތުގެ ގޮތުގައި ކަނޑައަޅުއްވާފައިވާނެކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައިވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވާނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުންކަމަށާއި މިއަހަރުގެ ބަޖެޓުގެ ތެރެއިން އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އެކި ކަންކަން ފަހިވެފައިވާކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ އިސްލާމިކް ފައިނޭންސިން އުސޫލުން އިކުއިޓީ ބަހައްޓަން ނުޖެހޭނެ ގޮތަށް ހުޅުވާލާފައިވާ ވަރަށް ލުއި ލޯނު ސްކީމެއްކަމަށާއި މާމެންދޫގެ ރައްޔިތުންނަށްވެސް އެ ލޯނު ނެގޭނެކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެ ލޯނު މެދުވެރިކޮށް އަމިއްލަ ގޯތީގައި އެ ބަޔަކު އެދޭ ޑިޒައިނަކަށް ގެދޮރު ބިނާކުރެވޭނެކަމަށާއި ސްކީމްގެ މަސައްކަތްތައް ފެށިފައިވަނީ އެ މަގުސަދުގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: