މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ގއ ދެއްވަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ދެއްވަދޫއަކީ ތައުލީމީ އަދި މީހުން ބިނާ ކުރާ ރަށެއް ކަމަށެވެ. މިއީ މަސައްކަތްތެރި އާބާދީއެއް އޮންނަ ރަށެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތަރައްޤީއަށްޓަކައި ރައްޔިތުން އެދެމުންދާ ކަންކަން ސަރުކާރުގެ ފަރާތުން ފުރިހަމަ ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރަށު ކައުންސިލާއި ދާއިރާގެ މެމްބަރުގެ ފަރާތުން ރަށާ ގުޅޭ ބައެއް ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާ ކަމަށާއި، އެ ކަންކަމަކީ އަވަހަށް ހައްލު އަންނަންޖެހޭ ބޮޑެތި މައްސަލަތައް ކަމަށެވެ.
މިއަހަރުގެ ބަޖެޓުގެ ތެރެެއިން އެކަންކަމަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ދެން
ރައީސް ވިދާޅުވީ، ރަށްރަށަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯއްދެވުމުގައި އެމަނިކުފާނު ގެންގުޅުއްވާނެ ވިސްނުންފުޅަކީ ވަށާޖެހޭގޮތަށް ޙައްލު ގެނައުމުގެ ވިސްނުންފުޅު ކަމަށެވެ.
އޭގެ އިތުރުން، މަސްވެރިކަމަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، މަސްވެރިންނަށްވެސް ކަންކަން ފަހިވާ ގޮތަށް މަސައްކަތްތައް ކުރުމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށެވެ. ކުރިއަށްވެސް ގިނަ މަސައްކަތްތައް ހުރިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަސްވެރިކަމަކީ ޖީޑީޕީގެ ނިސްބަތުން ރަނގަޅު އާމްދަނީއެއް ނެރެވޭނެ، އަދި ރައްޔިތުންނަށްވެސް މަންފާ ކުރާނެ މަސައްކަތަކަށް ހެދުމަށް އިތުރަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާނެ ކަމަށެވެ.
މީގެ އިތުރުންވެސް އެރަށަށް ބޭނުންޖެހިފައިވާ ކަންކަން ކޮށްދެއްވުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

