ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ.
މަޖިލިސް އިދާރާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި ޖަލްސާ ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ނިންމަވާފައިވާ ކަމަށެވެ. އަދި ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކަމަށްވެސް ބުނެފައިވެއެވެ.
އައު ދައުރެއް ފެށުމަށް ތައްޔާރުވަމުންދާއިރު، 20 ވަނަ މަޖިލީހުގެ މިދިޔަ އަހަރުގެ ތިންވަނަ ދައުރު ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ތަފްސީލު ދެއްވާފައެވެ. އެގޮތުން މިދިޔަ ދައުރުގައި ޖުމުލަ 27 ޖަލްސާ ބޭއްވި، 67 ގަޑިއިރު ޖަލްސާތަކުގައި ހޭދަކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ކޮމިޓީތަކުގެ މަސައްކަތްތަކަށް ބަލާއިރު ޖުމުލަ 165 ކޮމިޓީ ބައްދަލުވުން ބޭއްވި، 118 ގަޑިއިރު ހޭދަކުރެވުނު ކަމަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ދައުރުގައި 20 ބިލާއި އެއް ގަރާރު، ސަރުކާރުން ހުށަހެޅި 13 މައްސަލަ، ރިޔާސަތުން ހުށަހެޅި 5 މައްސަލަ އަދި 4 ކުއްލި މައްސަލައިގެ މަސައްކަތްތައް ކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ، ވަޒީރުންނާ ކުރެވުނު 13 ސުވާލުގެ މަސައްކަތްތަކާއި އެހެނިހެން މައްސަލަތަކާ ގުޅޭ 7 ރިޕޯޓުގެ މަސައްކަތްތައްވެސް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.

