ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގް ވިއްކައި މަނީލޯންޑާރ ކުރާކަމަށް ތުހުމަތު ކުރި ދެ މީހުން ހައިކޯޓުން ސަލާމަތްވެއްޖެ

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކޮށް، މަނީލޯންޑާ ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ އިސް ދެ މީހުން.---ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި މަނީ ލޯންޑަރ ކުރަމުންދާކަމުގެ ތުހުމަތުކޮށް ހައްޔަރު ކުރި ދެ މީހުން ބަންދުން ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފި އެވެ.

މިއީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުވައްމުލަކުގައި ފުލުހުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މައްސަލައެކެވެ. ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކޮށް ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް/ ދޫޑިގަން، ކަރަންކާވިލާ، އަހުމަދު ނިއުޝާދު (34 އ.) އާއި ޏ. ފުވައްމުލައް/ ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމް (29 އ.) އެވެ.

ފުލުހުން ބުނެފައިވާ ގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ހައްޔަރު ކުރި ނިއުޝާދުގެ ބޭންކު އެކައުންޓު މެދުވެރިކޮށް 21 މިލިއަނަށް ވުރެ ގިނަ މުއާމަލާތް ހިންގާފައިވާއިރު މިދިޔަ ދެ އަހަރުގެ ތެރޭގައި އާޒިމްގެ އެކައުންޓުން ހިންގި މުއާމަލާތް ދެ މިލިއަން ރުފިޔާއަށް އަރާކަމަށެވެ.

ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ދެ މީހުންގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގައި ބުނީ ޝަރީއަތް ނިމެންދެން މީހަކު ބަންދު ކުރުމަށް އަމަލު ކުރަންވާނީ އެ މީހަކާއި ދެކޮޅަށް ތުހުމަތު ކުރެވޭ ހެކި ހުރެކަމަށެވެ.

މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ވަނީ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގައި ފަނޑިޔާރު ރިއާޔަތްކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއަށް ކަމަށެވެ. އަދި އަދުލު އިންސާފުން ކޮންމެ މީހަކާއި މެދު ޝަރީއަތް ހިންގުމަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ދުސްތޫރީ ހައްގެއްކަމަށެވެ.

ހުކުމުގައި ބުނެފައި ވަނީ ދަށުކޯޓުގެ ނިންމުމުގައި އޮތް ގޯހަކީ އެކަމުގެ ސަބަބުން އެ އަމުރުގެ ސައްހަކަމަށް އަސަރު ނުކުރާނެ އިޖުރާއީ އައިބެއްގެ ގޮތުގައި ދައުލަތުން ފާހަގަކޮށް އެ އަމުރު ދަމަހައްޓައިދިނުމަށް އެދުނު ނަމަވެސް ދަށު ކޯޓުން ނިންމާފައިވާ މި ނިންމުމަކީ އެ އަމުރުގެ ސައްހަކަމަށް އަސަރު ނުކުރާނެ އިޖުރާއީ އައިބެއްގެ ގޮތުގައި ބަލަންޖެހޭ ގާނޫނީ އަސާސެއް ދައުލަތަށް ބުނެދެ ވިފައި ނެތްކަމަށެވެ. އިސްތިއުނާފާ ގުޅިގެން ދައުލަތުން ވަކާލާތު ކުރީ ދަށުކޯޓަށް ހެދިފައި އޮތް ގޯހަކީ ބަންދު އަމުރަށް ބުރޫނާރާނެ އިޖުރާއީ އައިބެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ. އެކަމަށް ހުތުމުގައި ބުނެފައި ވަނީ އެކަން އެގޮތަށް ކަނޑައަޅައިދެވޭނެ ގާނޫނީ ހަމައެއް ވެސް ދައުލަތަށް ނުދެއްކުނު ކަމަށެވެ. އެހެން އެކަން އެ
ދިމާވީ ދަށުކޯޓަށް މި މައްސަލައިގައި ހެދިފައި އޮތް ގޯހުގެ ސަބަބުންކަމަށް ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔު ވެއެވެ.

މި ސަބަބުތަކާއި ހުރެ ހައިކޯޓުން އަމުރު ކުރީ، އުޝާދާއި އާޒިމް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރު ބާތިލު ކުރުމަށެވެ.

މި މައްސަލަ ހައިކޯޓުގައި ފަނޑިޔާރު ޝަފީއުގެ އިތުރުން ބެއްލެވީ، ފަނޑިޔާރު މުހައްމަދު ފައިސަލްއާއި، ފަނޑިޔާރު ހުސެއިން މަޒީދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: