ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ދެކޮޅަށް ދައުލަތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި، ހައިކޯޓުން ޙުކުމްކޮށްފިއެވެ.
މިއީ މި މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުމަކާމެދު ދަށު ކޯޓުން ނިންމި ނިންމުމެއް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލަމުންދާ މައްސަލައެކެވެ. އެއީ މި މައްސަލައިގެ ދައުވާތައް ބޭރުކޮށްލުމަށް ދަށު ކޯޓުން ނިންމި ނިންމުމެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދު، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލްއެވެ.
ދައުލަތުން ހައިކޯޓަށް މައިގަނޑު 2 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. ދައުލަތުން ވަނީ މި މައްސަލައަކީ މައުޟޫއީ ގޮތުން ބަލައި ގޮތެއް ނިންމަން ޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅުއްވައިދެއްވައި، މި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލު ކޮށްދިނުމަށް އެދިފައެވެ.
މި މައްސަލައިގެ އިސްތިއުނާފަށް ޖަވާބު ދެއްވުމަށް ފުރުސަތު ދެއްވުމުން ޖިހާދު ވިދާޅުވީ، އޭނާއަށް ވަކީލަކު އައްޔަނު ކުރެވިފައިނުވާ ކަމަށާއި، އެހެންކަމުން ވަކީލަކު އައްޔަނު ކުރުމަށް އިތުރު ފުރުސަތަކަށް އެދިލައްވާ ކަމަށެވެ.
އެހެންނަމަވެެސް މި ބާވަތުގެ މައްސަަލަތަކަކީ އަވަހަށް ނިންމަންޖެހޭ ބާވަތުގެ މައްސަލައަކަށްވާތީ އެ ފުރުސަތުު ދެވެން ނެތްކަމަށް ފަނޑިިޔާރުން ވިދާޅުވިއެވެ. ފަނޑިޔާރުން ވިދާޅުވީ، މި މައްސަލައިގެ ތާވަލު ކުރެވި ޗިޓުވެސް ފޮނުވިފައިވާ ކަމަށެވެ.
މި މައްސަލައިގައި ހުށަހެޅިފައިވާ ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބެއްލެވި ފަނޑިޔާރުން ނިންމަވާފައިވަނީ ޖިހާދުގެ މައްޗަށް އުފުލި ދައުވާތައް ދަށު ކޯޓުން ބޭރުކޮށްލުމަށް ނިންމި ނިންމުން ބާތިލު ކަމަށެވެ. އެހެންކަމުން މި މައްސަލައިގެ ޝަރީއަތް ދަށު ކޯޓުން ކުރިއަށް ގެންދިއުމަށް ފަނޑިޔާރުން ވަނީ އަންގަވާފައެވެ. އެގޮތަށް އަންގަވައި މި މައްސަލައިގެ ޙުކުމް އިއްވެވީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާއަކީ އޭނާގެ ފިނޭންސް މިނިސްޓަރުކަމުގައި 2013 ވަނަ އަހަރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއި ކުރި މައްސަލައިގަ އެވެ.
މައްސަލައިގެ ފަސްފަހަތް:
ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ކުރީ ފުށިދިއްގަރުފަޅު ތަރައްގީ ކުރުމަށް ސަރުކާރާއި ބޭރުގެ ކުންފުންޏެއް ގުޅިގެން ކޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދިއިރު ލަފައާއި ހިލާފަށް ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 އިންސައްތަކަމަށް އެއްބަސްވުމުގައި އޮއްވައި ސޮއިކުރިކަމަށް ބުނެއެވެ.
އެކަމަކު މި މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް، ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ކުރިޔަށް ގެންދިއުމާއި މެދު މަދަނީ މިންގަނޑުން ބެލުމަށްފަހު އެވެ. އެއީ ތަހުގީގު މަރުހަލާގައި ގާނޫނީގޮތުން ގޯސްތަކެއް ހަދާފައި ހުރުމުގެ ސަބަބުންކަމަށް ނިންމުމުގައި ވެއެވެ.
ގާޒީ ހުސެއިން ފާއިޒް ރަޝާދުގެ އެ ނިންމެވުމުގައި ބުނެފައި ވަނީ، މިދިޔަ ސަރުކާރުން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަ ބެލީ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބަލައި ނިންމާފައިވަނިކޮށްކަމަށެވެ. އަދި މައްސަލަ އަލުން ބެލި ސަބަބެއް ބުނެދެވިފައި ނުވާކަމަށް އެ ނިންމުމުގައި ވެއެވެ.
މީގެއިތުރުން މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ބަހަށް ތަހުގީގު މަރުހަލާގައި ބަލާފައިވާކަމަށާއި އޭނާއަކީ ޝައްކުގެ މަހައްލުގައި ހުރިމީހެއްކަމަށް ބުނެފައި ވެއެވެ. އަދި އޭނާގެ ބަހުގެ ތެދުކަން ކަށަވަރު ކުރުމަށް ވެސް މަސައްކަތްކޮށްފައި ނުވާކަމަށް ދަށު ކޯޓުގެ ނިންމުމުގައި ވެއެވެ.

