ކޮންމެ ރައްޔިތަކީވެސް ހަމަހަމަ އަދި އެހާމެ މުހިއްމު ރައްޔިތެއްކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ ކިނޮޅަހުގަައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ބަޖެޓުގައި ސިއްޙީ ދާއިރާއާއި ތައުލީމީ ދާއިރާއަށް އިސްކަން ދީފައިވާނެ ކަމަށާއި، ކޮންމެ ރައްޔިތަކީވެސް ހަމަހަމަ އަދި އެހާމެ މުހިއްމު ފަރާތެއް ކަމަށެވެ.
އެހެންކަމުން ސިއްޙީ ޚިދުމަތްތައްވެސް އެއް ފެންވަރެއްގައި ލިއްބައިދޭން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ކިނޮޅަހު ސިއްޙީމަރުކަޒުގައިވެސް ކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އަލަށް ހިނގާ މަޝްރޫއެއްގެ ގޮތުގައި އެރަށު ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ހިމެނޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ކޮންމެ ރައްޔިތަކީވެސް އަޅުގަނޑަށް ހަމަހަމަ، އަދި މުހިންމު. ސިއްޙީ ޚިދުމަތް އެއްފެންވަރެއްގައި ލިބިފައި އޮންނަންވާނެ. މިރަށު ސިއްޙީ މަރުކަޒުގައިވެސް ކުރަންޖެހޭ ކަންކަން އެބަހުރި. އަލަށް ހިންގާ މަޝްރޫއުތަކުގެތެރެއިން އެކްސްޓެންޝަން ޢިމާރާތް އަޅާދޭނަން.
މީގެ އިތުރުން، އެމްބިއުލާންސްގެ ފެންވަރުވެސް ދަށްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ސިއްޙީ ދާއިރާއަށް އެ ރަށުގައި ތަރައްޤީ ގެނެސްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ ރައްޔިތުންނާއި ކައުންސިލުގެ މަޝްވަރާވެސް ހޯދުމަށްފަހު ކަމަށެވެ.
އޭގެ އިތުރުން، ރަށްރަށަށް ދަތުރު ކުރެއްވުމުގެ ބޭނުމަކީވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

