ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢިލްމުގެ ހަކަތައިން ވަކިވަކި ފަރުދުން ބާރުވެރިކުރުމުގެ މުހިންމުކަން ދެނެގަންނަން ޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ތަޢުލީމު ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި، ޢިލްމުގެ ހަކަތައިން ވަކިވަކި ފަރުދުން ބާރުވެރިކުރުމުގެ މުހިންމުކަން ދެނެގަންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ތަޢުލީމު ދުވަހާ ގުޅޭގޮތުން ހިއްސާކުރެއްވި ޚާއްޞަ މެސެޖުގައެވެ.

މިއަހަރުގެ ދުނިޔޭގެ ތަޢުލީމު ދުވަހުގެ ޝިޢާރަކީ ”އޭ.އައި އެންޑް އެޑިއުކޭޝަން: ޕްރިޒަރވިންގް ހިއުމަން އޭޖެންސީ އިން އަ ވަރލްޑް އޮފް އޮޓޮމޭޝަން“ އެވެ.

މި ޝިޢާރަށް އިޝާރާތްކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތަޢުލީމީ ނިޒާމަށް ފުރުޞަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މިފަދަ ޒަމާނެއްގައި، ފަންނިއްޔާތާއި ތަޢުލީމު އެކުއެކީގައި އެކުލެވިގެންދިއުމަކީ ލާޒިމުކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ޖަޒީރާ ޤައުމެއްގެ ކުރިމަގު އުޖާލާކުރުމަށްޓަކައި، މަތީފަންތީގެ އީ-ލަރނިންގ ވަޞީލަތްތަކާއި، އާޓިފިޝަލް އިންޓެލިޖަންސާއި، ވަރޗުއަލް ރިއަލިޓީ، ތަޢުލީމީ ނިޒާމުގެ ތެރޭގައި އެކުލަވައިލުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޓެކްސްޓް ފޮތްތައް ޑިޖިޓައިޒްކޮށް، ޤާބިލިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ ހައިބްރިޑް އުނގެނުމުގެ މޮޑެލްއެއްގެ އެހީގައި ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުން ދަނީ ކަރިކިއުލަމްގައި ޑިޖިޓަލް ޓެކްނޮލޮޖީ އެކުލަވަމުންކަން ފާހަގަކުރެއްވިއެވެ.

”ސްޓީމް“ ތަޢުލީމުގެ އެހީގައި ތުއްތު ސިކުނޑިތަކުގައި ހުޅުކޮޅު ރޯކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ތަޢުލީމީ ދާއިރާގައި އިޚުލާސްތެރި މަސައްކަތްތައްކޮށްދެއްވާ ދިވެހި އަދި ބޭރުގެ ތަޢުލީމީ މުވައްސަސާތަކާއި ވަކިވަކި ފަރުދުންނަށް ޝުކުރުއަދާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި ޤައުމުގެ ކޮންމެ ކުއްޖަކީވެސް، އެކުދިންގެ ތުއްތު ސިކުނޑިތައް މުއްސަނދިކޮށްދޭފަދަ އަގުކުރުންތައް ޤާއިމުކޮށްދޭފަދަ، ޚިޔާލާއި އުފެއްދުންތެރިކަމަށް ހިތްވަރުދޭފަދަ، އަދި ބަދަލުވަމުންމިދާ ދުނިޔޭގައި ފައިހަމަކޮށްލުމުގެ ޤާބިލުކަން ލިބޭފަދަ، ރަނގަޅު ފެންވަރުގެ ތަޢުލީމު ލިބޭ ކުއްޖެއްކަން ކަށަވަރުކުރައްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: