ބަޖެޓުގައި ޕްރޮޖެކްޓުތަކަށް ވަކި އަދަދެއް ކަނޑައެޅުމުން، އެ ޕްރޮޖެކްޓަކަށް ކަނޑައަޅާފައިވާ ބަޖެޓު ހުސްވުމާއެކު، އެ ރަށެއްގެ ޕްރޮޖެކްޓުވެސް މެދުކެނޑޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އައިފާން ވިދާޅުވެފައިވަނީ މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ރައީސަކު ދެއްވި އެންމެ ފުރިހަމަ އެއް ރިޔާސީ ބަޔާން ކަމަށެވެ. މިފަދައިން ވިދާޅުވަނީ ހަރުދަނާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، މިހާރުގެ ރައީސް ޑރ. މުޢިއްޒަށް ޤައުމަށާއި ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އައިފާން ފާހަގަކުރެއްވިއެވެ.
އައިފާން ވިދާޅުވެފައިވަނީ، ރައްޔިތުން އެދިވަޑައިގަންނަވަނީ ކޮންކަހަލަ ތަރައްޤީއަކަށްކަމާއި، އިޤްތިޞާދީގޮތުން ޤައުމަށް ކުރިމަތިވެފައިވަނީ ކޮންކަހަލަ ގޮންޖެހުންތަކެއްކަމާއި، ޤައުމުގެ އިޤްތިޞާދު ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވަނީ ކޮންކަހަލަ މަސައްކަތްތަކެއްކަން ރައީސްއަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ރައްޔިތުންނަށް ވެވަޑައިގަންނަވަނީ އެހެން ރައީސުން ދެއްވާފަދަ ޙަޤީޤަތާ ޚިލާފު ވަޢުދުތަކެއް ނޫންކަންވެސް އައިފާން ފާހަގަކުރެއްވިއެވެ.
އައިފާން އިތުރަށް ވިދާޅުވެފައިވަނީ، ކަންކަން ކުރިއަށް ގެންދަވަނީ ތަންފީޛުކުރެވޭނެ ގޮތަކަށް ކަމަށާއި، މިކަން މިއަހަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބަޖެޓުން ސާފުވެގެންދާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުވެސް ފެއްޓެވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ރައީސް ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ކަމަށްވެސް އައިފާން ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް މިފަހުގެ ތާރީހުގައި ފެނިގެން ގޮސްފި، އޮޅުވައިލައިގެން އެކިބޭފުޅުން އަތުން ފައިސާ ނަންގަވައިގެން ގޮއްސަ ތަންތަން ހެދުމުގެ ނަމުގައި ލާރި ނަންގަވާފައި އެކަންކަން ނުކުރާ ކަން. ވަރަށް ގިނަ މީހުންނަށް މިކަމުން ގެއްލުން ވެގެން ދިޔަ މަންޒަރު ފެނިގެން ގޮސްފި. ހަގީގަތުގައި މިކަހަލަ ގާނޫނެއް ވުޖޫދުވެގެން އައުމާއެކީގައި ރައްޔިތުންގެ ރާއްކާތެރިކަމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް“
އައިފާން ވިދާޅުވީ މި ފަހުގެ ތާރީހުގައި އެމްޑީޕީ ސަރުކާރުން ގޯތި ދިނުމުގެ ނަމުގައި އޮޅުވައިލަިއގެން ކަންކަން ކުރިއަށް ގެންދިޔައީ ވަރަށް ގޯސްކޮށް ކަމަށެވެ. އެކަން ރައްޔިތުންނަށް އޮޅުވާލުމަށްތަކައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ގާނޫނީ ގޮތުން ނުކުރެވޭނެ ކަންތައްތަކެއް ކޮށްފައި ވާކަމަށް އައިފާން ވިދާޅުވިއެވެ.

