ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ ދެމިތިބޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ މީގެ 13 އަހަރު ކުރިން އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ޑިމޮކްރަސީއަށް ދެވުނު އެންމެ ބޮޑު ހަމަލާ ކަމަށެވެ.
ފައްޔާޒް މިކަންތައް ސިފަކުރީ ވެރިކަމުގެ ނިޒާމާއި ދައުލަތުގެ އިދާރާތަކަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލައި ޑިމޮކްރަސީގެ ދަތުރުގައި ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ދުވަހެއްގެ ގޮތުގައެވެ.
އެ ބަޣާވާތުގެ މައްޗަށް ރައްޔިތުންގެ ބާރުވެރިކަން ކުރި ހޯދީ ބިރުވެރި މާހައުލެއްގައި އެތައް ބަޔަކު ކުރި ހިތްވަރުގަދަ މަސައްކަތްތަކަކުންކަމަށް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި ދެގޮތެއް ނުވެ އެމްޑީޕީއިން ދެމިތިބޭނެކަމަށެވެ.
އެމްޑީޕީއިން ބުނާ ގޮތުގައި މިއަދު ދިވެހި ރައްޔިތުންނަށް ކަށަވަރުވެފައިވާ ހައްގުތަކާއި، ލިބިދީފައިވާ މިނިވަން ކަމަކީ އޭރު 2008 ގެ ކުރިން އެމްޑީޕީއިން ހިންގި އިސްލާހީ މަސައްކަތްތަކުގެ ނަތީޖާއެވެ.

