2 ދާއިރާއެއްގައި ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފެށި، ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) މަޢުލޫމާތު ދީފައިވެއެވެ.
މި ބައި-އިލެކްޝަންގައި ދެ ރަށެއްގެ ކައުންސިލް ބައި-އިލެކްޝަނާއި، 10 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަން ހިމެނޭކަމަށް އީސީން ހާމަކޮށްފައިވެއެވެ.
ކައުންސިލްތަކުގެ ބައި-އިލެކްޝަން ކުރިއަށްދަނީ ހދ. މަކުނުދޫ ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށާއި، ނ. ލަންދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިޚާބު ކުރުމަށެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަން ކުރިއަށްދާ ރަށްތަކުގެ ތެރޭގައި ނ. ލަންދޫ، ހދ. ހިރިމަރަދޫ، ނ. މިލަދޫ، އދ. ހަންޏާމީދޫ، ބ. ގޮއިދޫ، ލ. ގަން، ނ. ފޮއްދޫ، ރ. އިންނަމާދޫ، ދ. ހުޅުދެލި، ކަނޑުހުޅުދޫ އަދި ތ. ބުރުނި ހިމެނެއެވެ.
ހުސްވާ ގޮނޑިތަކަށް މެންބަރުން ޢައްޔަންކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަންތައް އަހަރަކު ދެފަހަރު ބޭއްވެއެވެ. މަޤާމެއް ހުސްވާތާ 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އީސީއަށް އަންގައި، 183 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހެއެވެ. ނަމަވެސް ކައުންސިލްގެ ދައުރު ހަމަވާން ކައިރިވެފައިވާނަމަ ބައި-އިލެކްޝަން ބޭއްވުން ލާޒިމެއް ނޫނެވެ.

