2025 ވަނަ އަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި ހަރަދުތަކަށްވުރެ އާމްދަނީ އިތުރުކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ހަފްތާގެ ތަފާސްހިސާބުން ދައްކާގޮތުން މި އަހަރުގެ ފުރަތަމަ މަސް ނިމިގެންދިޔައިރު އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މި މުއްދަތުގައި ޖުމުލަ ހަރަދުތައް ހުރީ 2.1 ބިލިއަންގައިކަމަށްވާއިރު މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ފާހަގަކުރެވޭ މިންވަރަކަށް ދަށް އަދަދެއްކަން ފެނިގެންދެއެވެ. އަދި މި މުއްދަތަކުގައި އާމްދަނީއަށްވުރެ ހަރަދުތައް ދަށްކަންވެސް މިނިސްޓްރީގެ މައުޅޫމާތުތަކުން އެނގެއެވެ.
ޖުމުލަ ހަރަދުގެ ތެރެއިން ރިކަރެންޓް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 2.01 ބިލިއަން ކަމަށްވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 80.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފެނިގެންދެއެވެ. މި މުއްދަތުގައި ލޯނު ދެއްކުމުގެ ގޮތުން 448.6 މިލިއަން ހަރަދުކޮށްފައިވާއިރު ސޮވަރެއިން ޑިވެލޮޕްމެންޓު ފަނޑަށް 102.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.
ޖުމަލަ އާމްދަނީގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 2.8 ބިލިއަން ރުފިޔާކަމަށްވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 357.6 މިލިއަން ލިބިފައިވެއެވެ. މި މުއްދަތުގައި މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަން ދިނުމަށްޓަކައި ހަރަދުކޮށްފައިވަނީ 955.1 މިލިއަން ރުފިޔާކަމަށްވާއިރު އިދާރީ އަދި ހިންގުންތެރިކަމުގެ މަސައްކަތްތަކަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މި މުއްދަތުގައި ޕީއެސްއައިޕީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ޓްރާންސްޕޯޓުގެ ދާއިރާއިންނެވެ. އެގޮތުން މި ދާއިރާގެ މަސައްކަތްތައް ކުރިއެރުވުމުގެ ގޮތުން 27.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ކުނި މެނޭޖުކުރުމަށްކަން މިނިސްޓްރީގެ މައުލޫމާތުތަކުން ފެނިގެންދެއެވެ.

