ގދ ނަޑެއްލާ ގެ އައު ބަނދަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުން، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި މަޝްރޫއުގެ ބިޑް ސެކިއުރިޓީއަކީ 455,000ރ (ހަތަރުލައްކަ ފަންސާސް ފަސްހާސް ރުފިޔާ) އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މިޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 25 ފެބްރުވަރީ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00:00 ގެ ކުރިންނެވެ. އަދި މިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ 26 ފެބަރުވަރީ 2025 ވާ ބުދަ ދުވަހުގެ 13:00:00 ގައެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ބީލަން ޕޯޓަލް މެދުވެރިކޮށް މި މަޝްރޫއުގެ ބީލަން ހުށަހެޅޭނީ އެ ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. އަދި މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރަންވެސް ޖެހެއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ބަނދަރު ތަރައްޤީކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދޭނެކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.

