ޖެނުއަރީ މަސް ނިމިގެންދިޔައިރު އެންމެ ގިނައިން ހުށައެޅިފައިވަނީ ވައްކަމުގެ މައްސަލަތައްކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުން އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ފުރަތަމަ މަސް ނިމިގެންދިޔައިރު ވައްކަމާއި ގުޅުންހުރި 274 މައްސަލައެއް ހުށައެޅިފައިވެއެވެ. 2024 ވަނަ އަހަރުގެ މި މުއްދަތުގައި ހުށައެޅިފައިވަނީ 334 މިފަދަ މައްސަލައެވެ. ދެވަނައަށް އެންމެ ގިނައިން ފާހަގަކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތައްކަމަށްވާއިރު ނިމިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މަދުކަން ފާހަގަކުރެވެއެވެ. އެގޮތުން 2024 ވަނަ އަހަރު މިފަދަ 263 މައްސަލަ ހުށައެޅިފައިވާއިރު މި އަހަރުގެ ޖެނުއަރީ މަހުގައި ހުށައެޅިފައިވަނީ 233 މައްސަލައެވެ.
ތިންވަނައަށް އެންމެ ގިނައިން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހުށައެޅިފައިވަނީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތައްކަމަށްވާއިރު މި އަހަރުގެ ތެރޭގައި މިފަދަ މައްސަލަތައް ރެކޯޑުކުރެވިފައިވާ މިންވަރު ދަށްކަން ތަފާސްހިސާބުތަކުން ފެނިގެންދެއެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މި މުއްދަތުގައި 150 މައްސަލަ ފުލުހުންގެ ރެކޯޑުތަކުން ދައްކާއިރު މި އަހަރު ފާހަގަކޮށްފައިވަނީ 137 މައްސަލައެވެ.
މުދާ ގެއްލިގެން ހޯދުމަށް ހުށައަޅާފައިވާ 94 މައްސަލަ ފުލުހުންގެ ހިސާބުތަކުން ދައްކާއިރު ނިމިދިިޔަ އަހަރާއި އަޅާބަލާއިރު ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަދުކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މި އަހަރުގެ މި މުއްދަތުގައި ރެކޯޑުކޮށްފައިވަނީ 47 މައްސަލައެއްކަމަށްވާއިރު ނިމިދޔަ އަހަރުގެ ތެރޭގައި 122 މައްްސަލައެއް ފާހަގަކުރެވިފައިވާކަން މައުލޫމާތުތަކުން ފެނިގެންދެއެވެ.
މި އަހަރުގެ ތެރޭގައި މުދަލަށް ގެއްލުން ދިނުމުގެ 68 މައްސަލައެއް ޖެނުއަރީ މަހުގެ ނިޔަލަށް ފުލުހުންނަށް ރެކޯޑުކުރެވިފައިވާއިރު ލިޔެކިއުންތައް ނަކަލުކޮށް އޮޅުވާލުމުގެ 11 މައްސަލައާއި ޖިންސީ ކުށްތަކުގެ 20 މައްސަލަވެސް ތަފާސްހިސާބުތަކުން ދައްކައެވެ. ނިމިދިޔަ އަހަރަށްވުރެ މިއަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި މާރާމާރީގެ މައްސަލަތައް ގިނަކަމަށް ފުލުހުން ހިއްސާކޮށްފައިވެއެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑުކުރެވިފައިވަނީ 54 މައްސަލައެއްކަމަށްވާއިރު މި އަހަރުގެ ތެރޭގައި 62 މައްސަލަ ހުށައެޅިފައިވާކަން ހިއްސާކޮށްފައިވެއެވެ.
ނިމިދިޔަ އަހަރުގެ ތެރޭގައި ފޭރުމުގެ 44 މައްސަލައެއް ޖެނުއަރީގެ ނިޔަލަށް ރެކޯޑުކުރެވިފައިވާއިރު މި އަހަރުގެ މި މުއްދަތުގައި ރެކޯޑުކުރެވިފައިވަނީ 28 މައްސަލައެވެ. ގެވެށި އަނިޔާގެ 15 މައްސަލައެއް މިއަހަރުގައި ރެކޯޑުކުރެވުނުއިރު ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މިފަދަ 28 މައްސަލައެއް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

