ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތައް ދެނެގަތުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކުގެ ތެރެއިން، ގަވައިދާ ހިލާފަށް ބަނގުރާ ވިއްކައި އުފައްދާ މީހުން ދެނެގަނެވިފައިވާއިރު އަމާޒަކީ އެ މީހުން 24 ގަޑިއިރުގެ ތެރޭގައި ޑީޕޯޓު ކުރުންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.
މި ސަރުކާރު އައިފަހުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވާފައެވެ. އެގޮތުން ރައީސް ވަނީ ގައުމުގެ އިގްތިސާދު ކުރިއެރުވުމުގައި އޮތް އެންމެ ބޮޑު އެއް ހުރަހަކީ މަސްތުވާތަކެތީގެ މައްސަލަތަށްކަން ފާހަގަކުރައްވައި ބައެއް ބިދޭސީން ވެސް މިފަދަ ވިޔަފާރިތައް ކުރަމުންދާކަމަށް ވިދާޅުވެފަ އެވެ. އަދި ބަނގުރާ އުފައްދައި، ބަނގުރާ ވިއްކަމުންދާ ބިދޭސީންތައް ހައްޔަރުކޮށް ވީހާވެސް އަވަހަށް ޑީޕޯޓު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 24 ގަޑިއިރުގެ ތެރޭގައި އެ މީހުން ފުރުވާލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
އިމިގްރޭޝަނުގެ މައުލޫމާތުތައް ދައްކާ ގޮތުގައި، އިމިގްރޭޝަން ވޮޗްއަށް ލިބުނު ގިނަ ޝަކުވާތަކާއި މައްސަލަތައް ބަލާފައިވެއެވެ. އަދި މިހާތަނަށް ލިބުނު މައްސަލަތަކުގެ އަދަދު ހާހަކަށް ވުރެ ގިނަކަން ވެސް ފާހަގަކުރ ި އެވެ.
ރާއްޖޭގައި ގާނޫނާއި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
ރާއްޖޭގައި ޤަވާއިދާޢި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

