ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ދުރާލާ ތައްޔާރުވަމުން އަންނަކަމަށް އެސްޓީއޯގެ އެމްޑީ ޝިމާދް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރަމަޟާން މަހުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ މުދާ ނުލިބުމުގެ ދަތިތައް ކޮންމެ އަހަރަކުވެސް ކުރިމަތިވެގެންދާއިރު މުދަލުގެ އަގު ބޮޑުވުމުގެ މައްސަލަވެސް ފާހަގަކުރެވިގެންދެއެވެ. މިކަމަށް އަލިއަޅުއްވައި އެސްޓީއޯގެ އެމްޑީވަނީ އެކްސްގައި މައުލޫމާތު ހިއްސާކުރައްވާފައެވެ. ޝިމާދު ވިދާޅުވީ، މި އަހަރު އެސްޓީއޯއިންވަނީ އެ ދުވަސްވަރަށް ބޭނުންވާ މުދާ ރައްޔިތުންނަށް ދަތިކަމެއް ނެތި ލިބޭނެ އިންތިާމު ހަމަޖެއްސުމަށްޓަކައި ދުރާލައި ތައްޔާރުވެފައިކަމަށެވެ.
އާންމުކޮށް ބައެއް މުދަލުގެ އަގު ބޮޑުވުމުގެ މައްސަލަ ފެންމަތިވާކަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ، އެސްޓީއޯއިންވަނީ އެފަދަ ބާވަތްތައް ދެނެގަނެފައިކަމަށެވެ. އަދި އެ ކުންފުނިން ދުވަހުން ދުވަހަށް ބާޒާރުގެ އަގުތައް މޮނީޓާރކުރަމުންދާކަންވެސް ހިއްސާކުރެއްވިއެވެ. ލުނބޯ އަކީ މިފަދަ ގޮަތަކަށް އަގު މަތިވެގެންދާ ބާވަތެއްކަމަށްވާއިރު ޝިމާދުވަނީ މިއަހަރު ހައްލުތަކެއް ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ލުނބޯގެ ފުރަތަމަ ޝިޕްމެންޓު ރާއްޖެއަށް ގެނެވިފައިވާކަން ހާމަކުރެއްވިއެވެ.

