އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހަށްވެސް އިސްލާމިކް މިނިސްޓްރީއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.
މިނިސްޓްރީއިން ބުނީ ރަމަޟާން މަސް އިޙްޔާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގުރާމުތަކަކީ، ދިވެހި ރައްޔިތުންގެ މެދުގައި އިސްލާމްދީނުގެ ޝިޢާރު ފާޅުކޮށް، ރަމަޟާން މަހުގެ ރޯދައާއެކު އަޅުކަމަށް ރައްޔިތުން ރައްޔިތުން އިތުރަށް ހީވާގިކޮށް ހޭލުންތެރިކުރުވައި، އިސްލާމްދީނުގެ ސައްޚަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މަތިވެރި މަޤުސަދެއްގައި ދިވެހި ދަޢުލަތުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ހިންގާ ޕްރޮގުރާމްތަކެއްކަމަށެވެ.
އެގޮތުން މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވެ، ރަމަަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ދެ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މައިންޑްފުލް ރަމަޟާން ނަމުގައި ކުރިއަށް ގެންދެވޭ ވޯކްޝޮޕަކާއި، މަރުޙަބާ ރަމަޟާންގެ ނަމުގައި ބާއްވާ ބޮޑު ދަރުހެވެ. ’މަރުހަބާ ރަމަޟާން‘ ދަރުހަކީ މާލެ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުހެކެވެ. ފާއިތުވެދިޔަ އަހަރުވެސް މި ދަރުހަށް އާއްމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާކަން މިނިސްޓްރީއިން ފާހަގަ ކުރިއެވެ.
މީގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި މާލޭގައި 8 އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، 7 ސިޓީ/ރަށެއްގައި މިއަހަރު އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އިޙްޔާ ފޯރަމް ބާއްވާނެ ސިޓީ/ރަށްތައް ކަނޑައަޅާފައިވަނީ ކައުންސިލްތަކުން އެކަމަށް އެދި ހުށައެޅި ޕްރޮޕޯސަލް ވިލަރެސް ކުރުމަށްފަހުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ބަލައިގެންނެވެ.
ސްކޫލް ދަރިވަރުންގެ މެދުގައި ރަމަޟާން މަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދަރިވަރުންގެ 6 އިޙްޔާ ފޯރަމެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރަމަޟާން މަހުގެ ކޮންމެ ހޮނިހިރު ދުވަހު މާލޭގައި އައުޓްރީޗް ޕްރޮގުރާމު ހިންގުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގުރާމުގައި ކުޑަކުދިން ޝައުޤުވެރިވާނެ ކުޅިވަރު ހަރަކާތްތަކާއި، ދީނީ ކައުންސެލިންގ ދިނުމާއި މުސްޙަފް އަދި ދީނީ ފޮތް ހިމެނޭ ސްޓޯލްތައް ހެދުމަށް ވަނީ ނިންމާފައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް ރަމަޟާން މަހުގެ ކޮންމެ ދުވަހަކު އަޞުރު ނަމާދަށްފަހު މާލެ ސަރަޙައްދުގައި އަޞްރު ދަރުސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ރަމަޟާން މަހުވެސް އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން އާއްމުން ހޭލުންތެރި ކުުރުމަށާއި، ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ދީނީ ޕްރޮގުރާމުތައް ވުޒާރާގެ މީސް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދިނުމަށް އަންނަނީ ތައްޔާރުވަމުންކަމަށް މިނިސްޓްރީއިން ބުންޏެވެ. އޭގެ ތެރޭގައި ފާއިތުވެދިޔަ އަހަރު ގެނެސްދެވުނު ބައެއް ޕްރޮގުރާމުތަކާއި މުޅިން އަލަށް ގެނެސްދޭން ފަށާ ޕްރޮގުރާމުތައްވެސް ހިމެނޭކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

