ވިނަރެސް އެޕާޓްމަންޓުގެ ތެރެއިން 3 ކޮޓަރީގެ 1 އެޕާޓްމަންޓް އެއްވެސް ފަރާތަކަށް ވިއްކުމާއި، ދިނުމާއި، ވިއްކަން ހުށަހެޅުން ފަދަ އެ އެޕާޓްމަންޓުގެ މިލްކުވެރިކަން ބަދަލުވާނެ ފަދަ ކަމެއް ނުކުރުމަށް އެޗްޑީސީގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.
މިއީ ޤާނޫނީ ވަކީލު މަސްތޫރު ހުސްނީއާއި އިތުރު ފަރާތަކުން އެޗްޑީސީއަށް ރައްދުވާގޮތަށް ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ގަޒިއްޔާއެކެވެ. އެގޮތުން އިސްތިއުނާފު ކޮށްފައިވަނީ ސިވިލް ކޯޓުގެ ނިންމުމެކެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސީލައިފްގެ ތިން އެޕަރޓްމަންޓަކަށް މަސްތޫރު ހުސްނީގެ ނަމުގައި ބުކިންގ ފީ ދައްކާފައިވަނިކޮށް އޭރު ސީލައިފްގެ މައްސަލަ ފެންމަތިވެ އެ މަޝްރޫއު ވަނީ ހުއްޓާލާފައެވެ.
އެ ނިންމުމާ ގުޅިގެން އެކަން ޙައްލުކުރުމުގެ ގޮތުން ހައުސިންގ ޔުނިޓް ގަތުމަށް ސީލައިފްއަށް ބުކިންގ ފީ ދައްކާފައިވާ ފަރާތްތަކަށް ހުޅުމާލޭގައި ހަދާ ’ވިނަރެސް‘ އެޕަރޓްމަންޓްތަކުން އެޕަރޓްމަންޓް ގަތުމުގެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އޭރު ވަނީ ހުޅުވާލާފައެވެ.
އެ ފުރުސަތު ހުޅުވާލުމުން ސީލައިފްއަށް މަސްތޫރު ހުސްނީ ފައިސާ ދެއްކި 2 އެޕަރޓްމަންޓްގެ ބަދަލުގައި ވިނަރެސްއިން 2 އެޕަރޓްމަންޓް ގަތުމަށް އޭނާ ވަނީ އެދިފައެވެ. ނަމަވެސް އެޗްޑީސީން ވަނީ އޭނާއަށް 1 އެޕަރޓްމަންޓު ގަތުމުގެ ފުރުޞަތު ދީފައެވެ.
އެހެންވެ އޭނާ ވަނީ ވިނަރެސްއިން އެޕަރޓްމަންޓެއް ގަތުމުގެ ފުރުޞަތު ދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރުކޮށްދިނުމަށާއި، ސީލައިފްއިން އެޕަރޓްމަންޓްތައް ގަތުމަށް ދެއްކި ބުކިންގ ފީގެ ތެރެއިން ނުލިބިވާ 2 އެޕަރޓްމަންޓަށް ދެއްކި އެއްލައްކަ ރުފިޔާގެ ތެރެއިން 50,000/-ރ ’ވިނަރެސް‘ އެޕަރޓްމަންޓް ގަތުމުގެ ޑައުންޕޭމަންޓްގެ ގޮތުގައި ހަމަޖައްސައި، އަނެއް 50،000 ރުފިޔާ ވަގުތުން ދިނުމަށް އަމުރުކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ.
އޭގެ ޖަވާބުގައި އެޗްޑީސީން ބުނެފައިވަނީ އެޗްޑީސީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ފައިސާ ހޯދުމަށް އެދި ހުށަހަޅާފައި ނެތުމުން ދަޢުވާގައި މަސްތޫރު ހުސްނީގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާދޭން ނުޖެހޭނެ ކަމަށެވެ.
ސިވިލް ކޯޓުންވެސް މައްސަލަ ނިންމީ އެޗްޑީސީއާ އެއްކޮޅަށެވެ.
އެހެންވެ އޭނާގެ ފަރާތުން ވަނީ ހައިކޯޓުގައި އެ ނިންމުން އިސްތިއުނާފުކޮށް، ވަގުތީ އަމުރަކަށް އެދިފައެވެ. އެގޮތުން ވަގުތީ އަމުރެއް ނެރެނުދީ އޮއްވައި މައްސަލަ ލަސްވެގެން ގޮސްފިނަމަ އެޕަރޓްމަންޓެއް ވިއްކުމަށް ޙުކުމްކުރާއިރު ވިއްކާނެ އެޕަރޓްމެންޓެއް ނެތިދާނެ ކަމަށާއި، މިފަދައިން އެޕަރޓްމަންޓެއް ނެތްނަމަ އެތަނުން އެޕަރޓްމަންޓެއް ލިބުމުގެ ފުރުޞަތު ގެއްލުނީކަމަށްވެސް އޭނާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި އެއީ އިއާދަނުކުރެވޭނެ ފުރުޞަތެއްކަމަށާއި، އަދި އެކަމުގެ ބަދަލު މާލީ ގޮތުން ދިނުމަކީ ކުރެވޭނެކަމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.
ހައިކޯޓުން ދެފަރާތުން ދައްކާފައިވާ ވާހަކަތައް ތަފްސީލީ ގޮތެއްގައި ދިރާސާކޮށް، މި މައްސަލައިގައި ވަގުތީ އަމުރު ނެރެދެއްވާފައިވެއެވެ. އެގޮތުން ހައިކޯޓުގައި ބަލަމުންދާ މި މައްސަލައިގެ އަސްލު ގަޒިއްޔާގައި ގޮތެއް ކަނޑައެޅެންދެން ވިނަރެސް އެޕާޓްމަންޓުގެ ތެރެއިން 3 ކޮޓަރީގެ 1 އެޕާޓްމަންޓް އެއްވެސް ފަރާތަކަށް ވިއްކުމާއި، ދިނުމާއި، ވިއްކަން ހުށަހެޅުން ފަދަ އެ އެޕާޓްމަންޓުގެ މިލްކުވެރިކަން ބަދަލުވާނެ ފަދަ ކަމެއް ނުކުރުމަށް އެޗްޑީސީގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ވިނަރެސްއަކީ ހުޅުމާލޭގައި އެޗްޑީސީން ހިންގި ހައުސިން މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 10 ޓަވަރު ގާއިމްކޮށްފައިވެއެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ މި ޓަވަރުތަކުން ގިނަ ބަޔަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދެވޭކަމަށްވެސް އެޗްޑީސީއިން ބުނެފައިވެއެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށްކަމަށްވެސް ބަޔާނުގައިވެއެވެ.

