ޓެކްސީ ޑްރަވައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖަށް ދިވެހި ފުލުހުންގެ ހިދުމަތުން ހުރަސް އެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއް ކުއްލި މައްސަލަ މަޖިލީހުން ބަލައިގެންފިއެވެ.
މި މައްސަލަ ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެެ.
މި މައްސަލަ ހުށައަޅުއްވާފައިވަނީ ޓެކްސީ ޑްރައިވަރުންގެ ސުލްހަވެރި އިހްތިޖާޖަށް ހުރަސްއަޅައި، ޓެކްސީތައް ޓޯކޮށް ޓެކްސީ ހިދުމަތްދޭ ފަރާތްތަކުގެ އަސާސީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ސަރުކާރުން ހިންގަމުންދާ އަމަލުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަނެފައިވަނީ ޖަލްސާގައި ބައިވެރިވީ މެންބަރުންގެ އިއްތިފާގުންނެވެ.
ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންކަން ބަލާ، ޖަވާބުދާރީކުރުވާ، މިކަންކަމާއިމެދު ފިޔަވަޅު އެޅުމަކީ މަޖިލީހުގެ މަސްއޫލިއްޔަތެއްކަން މީކާއީލްގެ ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
މިނިވަންކަމާއިއެކު ފިކުރުމާއި، އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާ ގަލަމުން ފާޅުކުރުމުގެ މިނިވަންކަން ދައުލަތުގެ ހުއްދަ ކުރިއަލާ ހޯދުމަކާއި ނުލައި، ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަން ހަމަ ކޮންމެ މީހަކަށްވެސް ގާނޫނު އަސާސީއިން ވަނީ ކަށާވަރުށްދީފައިކަމަށް މީކާއީޅް ހުށައެޅުއް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުން މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް، ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަމަށް އިއުލާނުކޮށްފައިވާ، ކަންބޮޑުވުން ފާޅުކުރުމަށް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖަށް އިޖާބަ ދިނުމެއް ނެތި ދިވެހި ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައިކަމަށްވެއެވެ.
މިކަމުގެ ސަބަބުން ޓެކްސީ ޑްރައިވަރުން ކާން ބޯން ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި، އެފަރާތްތަކުގެ އާމްދަނީއަށް ބަރޯސާވާ އެތައް ހާސް ދިވެހި އާއިލާތަކެއް ހާލުގައި ޖެހޭނެކަމާއިމެދު އެއްވެސް ފަތުވާލެއް ނެތި ސަރުކާރުން ޓެކްސީތައް ޓޯ ކޮށްފައިވާތީ މީކާއީލްގެ ކުއްލި މައްސަލައިގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ ސުލްހަވެރިކަމާއިއެކު ކުރަމުން ދިޔަ އިހުތިޖާޖެއްކަމަށްވެސް މީކާއީލް ވަނީ ފާހަގަކޮށްފައެވެ.
މީކާއީލް ވަނީ މިފަދައިން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އުނިކަން އަންނަ ފަދަ އަމަލުތައް މިހާރުން މިހާރަށް ނިމުމަކަށް ގެނެސް ސުލްހަވެރިކަމާއިއެކު، އިހުތިޖާޖު ކުރުމުން ހައްޔަރުކުރި ޓެކްސީ ޑްރައިވަރުން މިނިވަންކޮށް، އެމީހުންގެ މުދާ ހަވާލުކުުރުމަށް މީކާއީލް ވަނީ ގޮވާލާފައެވެ.

