ރަމަޟާން މަހުން ފަށައިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ދިނުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާޙު ގެނައުމަށް ހުށައަޅައިފިއެވެ.
މި ބިލު ހުށަހެޅުއްވީ މައްޗަންގޯޅި މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ޒަމީރެވެ.
މި އިސްލާހުގައިވާ ގޮތުން، އިސްލާހު ފާސްވުމަށްފަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ރޯދަމަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭން ޖެހޭނެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. މި ނިންމުމަކީ އަންހެނުންގެ ދައުރު ފުޅާކޮށް، އެ ފަރާތްތަކުގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
އަންހެނުންނަކީ ކޮންމެ ރަށެއްގައިވެސް ރަށުގެ ތަރައްގީއަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތައްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ދި އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.
ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަކަމާއެކު އެއް ހައިސިއްޔަތެއް ލިބިގެން މަސައްކަތް ކުރާ ބަޔަކަށް ހެދުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގައި ކުންފުނިތަކުގެ ވެރިންނާއި އެހެނިހެން އިސް މަގާމުތަކުގައި އެންމެ ގިނައީ އަންހެނުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

