ރިސޯޓުތަކުން ހިންގާ ދެމެހެއްޓެނިވި ތަރައްގީއަށާއި ތިމާވެށްޓާއި ގުޅުންހުރި މަޝްރޫޢުތަކަށްް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ”ގްރީން ރިސޯޓް ފައިނޭންސިންގ“ ތައާރަފްކޮށްފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާންމު ބައްދަލުވުމުގައި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފްއާއެކު މި ހިދުމަތް ތައާރަފްކޮށްދެއްވީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗެއާމަން ހުސެއިން އަފީފްއެވެ.
ގްރީން ރިސޯޓް ފައިނޭންސިން ފެސިލިޓީގެ ދަށުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި އެނަރޖީ އެފިޝެންޓް އިކުއިޕްމެންޓް ހޯދުމާއި ރީފޮރެސްޓްރޭޝަން އަދި ކުނި މެނޭޖްކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫޢުތައް ހިންގުމަށް ރިސޯޓުތަކުން ބޭނުންވާ ފައިނޭންސް ފޯރުކޮށްދެވޭނެއެވެ.
ގްރީން ރިސޯޓް ފައިނޭންސިންގެ ތަފްސީލް:
- 50 މިލިއަން ރުފިޔާއާ ހަމައަށް އޯވަރޑްރާފްޓް ފެސިލިޓީ
- 5 އިންސައްތަ އިންޓްރެސްޓް ރޭޓް
- ކާޑު މެޝިނުން ރިސޯޓަށް ލިބޭ ފައިސާ އިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފަސޭހަ ގޮތްތަކެއް
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށް ބަހައްޓާ އަހަމިޔަތުކަމަށް އަލިއަޅުއްވާލައްވާފައެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކުރިއަރާފައިވާ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އޮތީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާފަދަ ބޭންކިންގ ހިދުމަތްތަކާއި ފައިސާ ބަލައިގަތުމުގެ އެންމެ ޒަމާނީ ހައްލުތަކެއް ހޯދައިދިނުމަށް ތައްޔާރަށް ކަމަށެވެ. ގްރީން ރިސޯޓް ފައިނޭންސް ފެސިލިޓީ ހާއްސަކޮށް ފަރުމާކޮށްފައި ވަނީ ރިސޯޓުތަކަށް ބޭނުންވާ ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމުކުރުމާއި އެކު ހިންގުމުގެ ހަރަދުތައް ފަސޭހައިން މެނޭޖްކުރެވޭނެ ފައިނޭންސިންގ އެއް ހޯދައިދިނުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.
ބޭންކުގެ ކޯޕަރޭޓް ކަސްޓަމަރުން ގްރީން ރިސޯޓް ފައިނޭންސިންގއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކަސްޓަމަރަކަށް ހާއްސަކޮށްފައިވާ ރިލޭޝަންޝިޕް މެނޭޖަރުންނާ ގުޅުއްވައި މައުލޫމާތު ސާފު ކުރެވޭނެއެވެ.

