ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދިކުދި މައްސަލަތައް ބޮޑުކޮށް، ހަގީގަތެއް ނެތް ގަރާރުތައް ހުށަހެޅުމަކީ އެމްޑީޕީގެ އާދައެއް: ފަލާހު

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނެތް މައްސަލަތައް އުފައްދައިގެން، އެއްވެސް ހަގީތެއް ނެތް ގަރާރުތަކާއި ބިލުތައް އިދިކޮޅު އެމްޑީޕީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން ދަނީ ސަރުކާރާއި ދެކޮޅަށް ދައްކާނެ ވާހަކައެއް ނެތުމުންކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރިސޯޓު މުވައްޒަފުންނަށް ބުރުގާ އެޅުމާއި ތުނބުޅި ބެހެއްޓުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ގޮވާލައި މިއަދުގެ ޖަލްސާއަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ ހުށަހަޅުއްވާފައެވެ. މައުރޫފް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާ ކަމަށް ކަނޑައަޅައިފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީން ލިބިދީފައިވާނެކަމަށެވެ.

ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން އައިއިރު މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ޝަކުވާއެއް އަޑުއިވިފައި ނުވާކަމަށެވެ.

ރިސޯޓުތަކުގެ މުވައްޒަފުންނަށް ތުނބުޅި، މަތިމަސް ނުބެހެއްޓޭތީ އޮތް ކަންބޮޑުވުންތައް މެމްބަރު ހުށަހެޅުއްވިއިރު ކުރީ ސަރުކާރުގައި ވެސް ހަމަ މި ޝަކުވާތައް އޭރުގެ ޓޫރިޒަމް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރަށް އެކަން މައުރޫފް ހުށަހެޅިކަން އެނގޭކަމަށް ފަލާހު ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ޝަކުވާތަކަށް ކުރީ ސަރުކާރުން އެއްވެސް ސަމާލުކަމެއް ލިބިފައި ނުވާކަން މައުރޫފްގެ ފަރާތުން ދެކެވިފައި ހުރި ވާހަކަތަކުން އެނގޭކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ދެވަނަ ފަހަރަށް އަނެއްކާވެސް އެ ކަންބޮޑުވުންތައް ނަންގަވައި، އެންމެ ރަނގަޅު ގޮތަކީ މަޖިލީހަށް ހުށަހެޅުންކަމަށް މައުރޫފަށް ގަބޫލު ކުރެވުނީ އޭރުގެ ސަރުކާރުން އަމަލު ކުރި ގޮތުންކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި ހުށަހެޅުންތަކަށް ހައްލު ގެންނާނެކަމަށް ފަލާހު ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑަށް ބޮޑަށް ބެލެވެނީ، މެމްބަރަށް މިއޮތީ ޔަގީން ކުރެވިފަ ވަރަށް ބޮޑަށް މި ސަރުކާރުގައި ވެސް ކަމާއި ގުޅުން ހުރި ބޭފުޅުންގެ އަރިހަށް ގޮސްގެން ފަހަރުގައި ހައްލު ނުލިބިދާނެކަމަށް.. އޭރު ހައްލު ނުލިބުނީމަ.. އެހެން ނަމަވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން..

ފަލާހުގެ ވާހަކަ ކުރިޔަށް ގެންދެވަނިކޮށް، އެވަގުތު ތަޅުމުގައި އިންނެވި މައުރޫފް ނިޒާމީ ނުކުތާއަކަށް އެދި އަޑުގަދަ ކުރެއްވިއެވެ. އަދި ވިދާޅުވީ އޭނާ ކުރީ ސަރުކާރުގެ ވާހަކަ ދައްކާފައި ނުވާނެކަމަށާއި، ޝަކުވާ ހުށަހެޅީ މި ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްއަށް ކަމަށެވެ. ނިޒާމީ ނުކުތާއަށް މައުރޫފަށް ފުރުސަތު ނުދިން ނަމަވެސް، ތަޅުމުގައި އޭނާ ދައްކަވާ ވާހަކަތައް ސާފުކޮށް އިވެއެވެ.

މައުރޫފަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ، ދިމާވެގެން އުޅެނީ ވަރަށް ކުޑަ މައްސަލައެއްކަމަށާއި ސަރުކާރާއި ހަމައަށް ޝަކުވާއެއް ގެނައުމުން އެކަމެއް ވަގުތުން ހައްލުވާނެކަމަށެވެ. އަދި މިފަހުން އެއްވެސް މީޑިއާއަކުން ވެސް ފަތުރުވެރިކަމަށް ހީނަރުކަމެއް އަންނާތީ ނުވަތަ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ސަރުކާރުން އަޅާނުލާތީ އެއްވެސް ރިޕޯޓުތަކެއް ވެސް އައިސްފައި ނެތްކަމަށް ފަލާހު ވިދާޅުވިއެވެ.

އެއްވެސް މައްސަލައަކަށް ނުވާ މައްސަލަތައް ގަރާރާއި ބިލުތަކުގެ ގޮތުގައި އެމްޑީޕީ ހުށަހަޅަމުން ދަނީ ފަލާހު ވިދާޅުވި ގޮތުގައި ސަރުކާރުގެ މަސައްކަތްތައް ކާމިޔާބުވުމުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: