ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާރެއް ހުށަހެޅުމުން، ސަރުކާރުގެ މެމްބަރުން ފުރަތަމަ ބަލަންވީ ރައްޔިތުން ބޭނުންވާ ގޮތެއް: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުގެ މެމްބަރެއް ގަރާރެއް ހުށަހެޅުމުން، ސަރުކާރުގެ މެމްބަރުން އެކަމާއި ދެކޮޅު ހެދުމުގެ ބަދަލުގައި ދާއިރާގެ ރައްޔިތުންނާއި ވާހަކަދައްކައި މަޝްވަރާކޮށް ހިޔާލު ހޯދައިގެން އެ ރައްޔިތުން އެދޭ ގޮތަށް ވަކާލާތު ކުރުމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ގޮވާލައްވައިފިއެވެ.

ރިސޯޓު މުވައްޒަފުންނަށް ބުރުގާ އެޅުމާއި ތުނބުޅި ބެހެއްޓުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ގޮވާލައި މިއަދުގެ ޖަލްސާއަށް މައުރޫފް ޒާކިރު ވަނީ ގަރާރެއް ހުށަހަޅުއްވާފަ އެވެ. މައުރޫފް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާ ކަމަށް ކަނޑައަޅައިފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނު އަސާސީން ލިބިދީފައިވާނެކަމަށެވެ.

ގަރާރު ހުށަހެޅުމާއި އެކު ފުރުސަތަކަށް އެދި ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ ސަރުކާރާއި ވާހަކަ ދައްކައި ހައްލު ކުރެވެން އޮތްކަމެއް ބޮޑު ކުރުމުގެ މާނައެއް ނެތްކަމަށެވެ. އަދި މި ސަރުކާރު އުފެދުނު ފަހުން މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއާއި ދާއިރާގެ މުވައްޒަފުންގެ ޝަކުވާތަކަށް ދުވަހަކު ވެސް ލިބިފައި ނުވާކަމަށް ފަލާހު ވިދާޅުވި އެވެ.

ބިލުގެ ބަހުސްގައި ދެއްކެވި ވާހަކައިގައި މައުރޫފް އެންމެ ފުރަތަމަ ވެސް ރައްދު ދެއްވީ ފަލާހަށެވެ. މައުރޫފް ވިދާޅުވީ މި މައްސަލައިގައި އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ރިސޯޓުތަކުގެ މުވައްޒަފުންގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅައި ކަމާއި ބެހޭ ފަރާތްތަކާއި އެކު ކުރެވުނު މަޝްވަރާތަކާއި އެއްގޮތަށް ގަވައިދެއް އެކުލަވާލިކަމަށެވެ.

މައުރޫފް ވިދާޅުވީ ގެޒެޓު ކުރުމުގެ ކުރިޔަށް ބޭނުންވާ އާންމުގެ ހިޔާލު ހޯދުމަށްޓަކައި، ލިޔެކިއުން އާންމުވެސް ކުރިކަމަށާއި އޭރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ރިސޯޓުތަކުގެ މުވައްޒަފުންނަށް ތުނބުޅި މަތިމަސް ބެހެއްޓުމުގެ ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ދިނުމަށް ގޮވާލައި ސާކިއުލަރ އެއް ނެރުއްވިކަމަށެވެ. އަދި އެ އެންގުމެއްގެ ގޮތުގައި 2023 އޮކޮޓޯބަރު މަހުގެ ކުރިޔަށް އަމަލު ކުރުމަށް، ރާއްޖޭގެ ހުރިހާ ރިސޯޓުތަކަށް ސިޓީ ފޮނުވިކަމަށް މައުރޫފް ވިދާޅުވިއެވެ.

އޭގެ ފަހުން ސަރުކާރުން ބަދަލުވެފައި ވާތީ، ޓޫރިޒަމް މިނިސްޓްރީއާއި މަޝްވަރާކޮށް ހައްލެއް ގެނެސްދިނުމަށް އެދި ސިޓީތައް ވެސް ފޮނުވާފައިވާނެކަމަށް މައުރޫފް ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑު މި ބިލު މަޖިލީހަށް ހުށަހެޅީ، ހަމަ ހުރެފައި ކުރާނެކަމެއް ނެތިގެން.. ހުށަހަޅަންވެގެންނެއް ނޫން، ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ޓޫރިޒަމްގެ މުވައްޒަފުން ތުނބުޅި ބަހައްޓަން ބޭނުންވާތީ އަޅުގަނޑު މި ގަރާރު ހުށަހެޅީ.. ދީނީ ގޮތުން ބަލާއިރު ރިސޯޓުތަކުގެ މުވައްޒަފުންނަށް ތުނބުޅި ބޭލުމަށް މަޖުބޫރުކޮށް އެންގޭނެ އެއްވެސް ހަމައެއް ނެތް..

މައުރޫފް ވިދާޅުވީ މި ގަރާރު ހުށަހެޅުމުން، މިއީ ސަރުކާރާއި ދެކޮޅު މަސައްކަތެއްކަމަށް ބުނެ ހިތްހަމަނުޖެހުންފާޅު ކުރުމުގެ ބަދަލުގައި ކޮންމެ މެމްބަރަކު ވެސް އެ މެމްބަރެއްގެ ދާއިރާއެއްގައި ހިމެނޭ ރިސޯޓެއް ނުވަތަ ދާއިރާއަށް ނިސްބަތްވާ ރިސޯޓު މުވައްޒަފަކަށް ގުޅައި ބިލާއި މެދު ދެކޭ ގޮތް ސުވާލު ކުރުން މާ ރަނގަޅުކަމަށެވެ. އޭރުން އެ މެމްބަރުން ރައްޔިތުންނާއި، ދާއިރާއާއި މެދު ވަކާލާތު ކުރަންވީ ގޮތް ބުނެދީ މަގުދައްކާނެކަމަށް މައުރޫފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: