ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާޖަންޓް އާދަމްގެ މަރު: މަދަނީ މިންގަނޑުން ދައުވާ ކުރިއަށް ގެންދެވޭނެކަމަށް ނިންމައިފި

މުހައްމަދު ސަމާހު
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ މަރުގެ މައްސަލައިގައި މުހައްމަދު ސަމާހަށް އިއްވާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ ކ. ކާށިދޫގައި، ޖުލައި 2012 ގައި ޑިއުޓީގައި ހުރި ފުލުހުން އޮފިސަރު އާދަމް ހަލީމަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލަ އެވެ.

މި އަޑުއެހުމަކީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ކަނޑައެޅުއްވުމަށް ބޭއްވި އިބްތިދާއީ އަޑުއެހުމެކެވެ. މި މައްސަލައިގައި ދައުލަތާއި ދިފާއުންވެސް ހެކި ހުށަހަޅާފައިވެއެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން ހާމަކުރި ހެކިތަކަށް ބަލާއިރު، މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއްކަމަށް ޝަރީއަތަށް ބުރަވެވޭކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އާމިނަތު އަޒްލިފާއެވެ.

އެއަށްފަހު ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދެއްވާފައެވެ. އެހެންކަމުން ދެން އޮންނާނީ މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭގޮތުން ވާހަކަ ދައްކައި ގޮތް ނިންމުމެވެ.

މި އަޑުއެހުމުގައި ދެން ކުރިއަށް ދިޔައީ ބަންދު މުރާޖައާ ކުރުމުގެ ބައެވެ. އެގޮތުން ބަންދު މުރާޖައާ ގުޅޭ ތަފްސީލުތަކަށް ބެއްލެވުމަށްފަހު ގާޒީ ވަނީ ސަމާހު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޮށްފައިވާ އަމުރު ދަމަހައްޓަވާފައެވެ.

މައްސަލައިގެ ފަސްފަހަތް:

މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސުޕްރީމް ކޯޓުގެ އެންގެވުމަކާއެކުއެވެ. އެގޮތުން އާދަމް ހަލީމްގެ މަރުގެ މައްސަލައިގައި މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ޙުކުމްކޮށްފައެވެ.

މި މައްސަލައަކީ 23 ޖުލައި 2012 ވަނަ ދުވަހު ހިނގާދިޔަ ޙާދިސާއަކާ ގުޅޭ މައްސަލައެކެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ މައްސަލައިގައި ޙުކުމް އިއްވަވަމުން ފަނޑިޔާރުން ވިދާޅުވީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކަމަށް ފެންނަން އޮތީ ދައުވާލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެ ކަމަށް ފުލުހުންގެ ތަހުގީގުން އަވަސް އަވަހަށް ބަލައި، އެ އިއުތިރާފު ފަނޑިޔާރެއްގެ ކުރިމަތީގައި ވީހައި އަވަހަކަށް ރެކޯޑުކުރުމުން ފުދިއްޖެ ކަމަށް ބަލައި، ލޮލުން ދުށް ހެކިންނާ އެހެނިހެން ހެކި ހޯދުމަށް އިތުރަށް މަސައްކަތް ނުކޮށް ތަހުގީގު ހުއްޓާލުން ކަމަށެވެ.

އަދި ދައުވާލިބޭ މީހާ ކޯޓުގައި ދިން ބަޔާނަކީ ކުށް ސާބިތުވާ ފުރިހަމަ އިއުތިރާފެއް ކަމަށް ބަލައި، ޕްރޮސިކިއުޝަނުން ކޯޓަށް ހުށަހަޅާފައިވާ އެއްވެސް ޝަފަހީ ހެއްކަކު ކޯޓަށް ހާޒިރުނުކޮށް، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޝަރިއަތް ނިންމާލި މަންޒަރު މި މައްސަލައިން ފެނިގެން ގޮސްފައިވާކަމަށް ފަނޑިޔާރުން ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް، މިއީ ޖިނާއީ ތަހުގީގުކުރަންޖެހޭ އަދި ޖިނާއީ ޝަރިއަތްކުރަންޖެހޭ ގޮތެއްވެސް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ، މި މައްސަލައިގައި އިއުތިރާފު ބަޔާނުގެ މައްޗަށް އެކަނި ތަހުގީގުންނާއި ޝަރިއަތުން ބަރޯސާވުމުގެ އާޚިރު ނަތީޖާއަކަށްވީ، ފަހުގެ މަރުހަލާ ތަކުގައި ސަމާހު މުޅި ބަޔާނަށް އިންކާރުކޮށް، ކުށްކުރި ތަނުގައި އެގަޑީގައި އޭނާ ނުވެސް ނެތް ކަމަށް ބުނުން ކަމަށާއި، އަދި އިއުތިރާފު ބަޔާން ކަށަވަރުކޮށްދޭ އަދި ނަފީކޮށްދޭ މިނިވަން ހެއްކެއް ނުވަތަ ގަރީނާއެއް ޝަރިއަތުގެ ކުރިމަތީގައި މިއަދު ނެތުން ކަމަށެވެ.

އެހެން އެކަން ވެފައި އޮތުމުން ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޝަނުން އެދިފައިވަނީ ސަމާހުގެ ބަޔާނާއި އެ ބަޔާނުން ހާމަވާ ކަންކަމަށް ބިނާކޮށްގެން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެހެންނަމަވެސް، މުޙައްމަދު ސަމާހުގެ ބަޔާނުގެ ބޭރުން އެ ބަޔާނުގައި ބުނެފައިވާ ކަންކަން ނަފީކުރާ މިނިވަން އެއްވެސް ހެއްކެއް ސުޕްރީމް ކޯޓުގެ ކުރިމަތީގައި ނެތްކަންވެސް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ މި މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ޙުކުމް ކުރައްވާފައެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 52%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: