ފުލުހުންގެ ވެލްފެއާ ކުންފުނިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް، ޕޮލްކޯ ފްލެޓުތައް އިމާރާތް ކުރި މައްސަލައިގައި ބޭނުންވާ ތަހުގީގުތައް ކުރުމަށް ކަމާއި ގުޅޭ މުހިންމު ލިޔެކިއުން ނެތްކަމަށް އެ ކުންފުނީގެ އިސްވެރިން ބުނެފައިވާކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ނިޔާޒީ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ވެލްފެއާ ކުންފުނި ކަމަށްވާ ޕޮލްކޯ އިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި ފުލުހުންގެ ފްލެޓް އިމާރާތް ކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، އެކަމާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް ޕޮލްކޯގައި ނެތް ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފި އެވެ.
މިއީ ”ބްލޫސް ހައުސިން“ ގެ ނަމުގައި ފުލުހުންގެ ވެލްފެއާ ކުންފުނިން ހުޅުމާލޭގައި އިމާރާތް ކުރި ޕޮލްކޯ ފްލެޓުގެ މަޝްރޫއުއިން ފެންމަތިވެގެން އައި ކޮރަޕްޝަނަށް މަގުފަހިވާ މައްސަލައެކެވެ. މައްސަލައިގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު ބޮޑެތި ބަދަލުތައް ގެނެސްފައިވެއެވެ. އަދި ކޮންޓްރެކްޓަރުން ނިންމާ މަސައްކަތްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވާއިރު، 355 މިލިއަނުގެ ގެއްލުން ވެފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ފުލުހުންގެ ފްލެޓްތައް އެޅުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާއި ހަވާލުކޮށް އިމާރާތްކުރަން ފެށިފައިވަނީ 2012 ވަނަ އަހަރުއެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 600 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. ނަމަވެސް، މަސައްކަތް ނިންމުމުގައި ދިގުލައިގެން ގޮސް ފްލެޓުތަކަށް ވަދެވޭ ވަރު ވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
މަޝްރޫއު ކުރިޔަށް ދިޔަ ގޮތާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ހާޒިރުކޮށް ކުރިޔަށް ގެންދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނިޔާޒީ ވިދާޅުވީ ޕްރޮޖެކްޓުގެ ބިޑުކުރުމާއި އިވެލުއޭޓު ކުރުމުގެ ކަންކަން ގޮސްފައި އޮތް ގޮތް ބެލުމަށް މަސައްކަތް ކުރިކަމަށެވެ. އެގޮތުން ޕޮލްކޯގެ އިސްވެރިންނާއި ބައްދަލު ކުރުމުން، ސާވަރ ގައި މައްސަލަތަކެއް ދިމާވެ ލިޔެކިއުން ފެންނަން ނެތްކަމަށް މެނޭޖްމަންޓުން އަންގާފައިވާކަމަށް ނިޔާޒީ ވިދާޅުވި އެވެ.
ނިޔާޒީ ވިދާޅުވީ އޮޑިޓު ރިޕޯޓު ތައްޔާރު ކުރުމިގައި މަޝްރޫއުގެ ބިޑު ކުރުމުގެ މަރުހަލާ ކުރިޔަށް ގެންގޮސްފައި ވަނީ ކިހިނެއްތޯ ބެލިކަމަށާއި، އެހެން ނަމަވެސް މިއީ 2013 ގެ ޕްރޮޖެކްޓަކަށްވެފައި ލިޔެކިއުންތައް ނެތްކަމަށް ބައްދަލުވުމުގައި ވެސް ބުނެފައިވާކަމަށް ނިޔާޒީ ވިދާޅުވި އެވެ. އެހެންވެ ލިޔުންތައް ގެޒެޓު މެދުވެރިކޮށް ލިބޭތޯ ކުރި މަސައްކަތް ވެސް ކާމިޔާބުވާ ގޮތް ނުވިކަމަށް ނިޔާޒީ ވިދާޅުވި އެވެ.
ކޮމިޓީގައި ނިޔާޒީ ދެއްކެވި ވާހަކަތަކުން އެނގޭ ގޮތުގައި، އެ މުއާމަލާތްތައް ކުރިޔަށް ގެންގޮސްފައިވާ ގޮތް ސާފުވާ ގޮތެއް ނުވެއެވެ. ހާއްސަކޮށް ބިޑިން އިވެލުއޭޝަން ރަނގަޅަށް އެނގެން ނެތްކަމަށް ނިޔާޒީ ވިދާޅުވި އެވެ. މި މައްސަލަތައް ފާހަގަކޮށް ނިޔާޒީ ވިދާޅުވީ ޕްލޯ ފްލެޓުގެ ކަންކަން ކުރިޔަށް ގޮސްފައިވާ ގޮތް ތަހުގީގު އިދާރާތަކުން ބަލަން ޖެހޭކަމަށެވެ. އަދި ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުގައި ގިނަ މައްސަލަތައް ހިމަނާފައި ވަނީ އެ ސަބަބާއި ހުރެ ކަމަށެވެ.
އަޅުގަނޑު ގަބޫލު ކުރަނީ ތަހުގީގު ކުރާ އިދާރާތަކުން ބަލަން ޖެހޭ އެކަންކަން ގޮސްފައި އޮތް ގޮތް
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މައްސަލައިގެ އޮޑިޓު ރިޕޯޓު ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއް ހެދުމަށް ވަނީ ނިންމާފައެވެ.
ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން ހުޅުމާލޭގައި ފްލެޓު އިމާރާތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އޮޑިޓު ރިޕޯޓު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓިއެއް ހެދުމަށް ނިންމައިފިއެވެ. ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހުގެ އެ ހުށަހެޅުން ފާސްކުރީ، ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ސަބް ކޮމިޓީއެއް ހެދުމަށް ހުށަހަޅުއްވާފައިވަނީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ. ސަބް ކޮމިޓީ ހެދުމަށް ފާސްކޮށްފައިވަނީ ކޮމިޓީ މެންބަރުންގެ އިއްތިފާގުންނެވެ.

