ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި ސަރުކާރުގެ ވިޔަފާރި ތަންތަނާއި ހިއްސާވާ ކުންފުނިތަކުގެ އިތުރުން ސަބްސިޑިއަރީ ކުންފުނިތަކަށް އެ ފިޔަވަޅުތަކަށް އަމަލުކުރުމަށް ރާއްޖޭގެ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޝޭޝަން ބޯޑު(ޕީސީބީ) އިން އަންގައިފިއެވެ.
ޕީސީބީން އާންމުކޮށްފައިވާގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ އަދަދެއްގެ ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އެހެންކަމުން އެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެގޮތުނާއި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ދައުލަތުގެ ހަރަދުކުޑަކުރުންވެސް މުހިންމުކަމަށެވެ. އެހެންކަމުން ސާކިއުލާ އާންމުކުރާ ތާރީހު (12 ފެބްރުއަރީ) އިން ފެށިގެން ދަތުރު ހަރަދުތަކާއި މުއައްޒަފުންގެ ހަރަދުތަކުގެ އިތުރުން އެހެނިހެން އެކި ހަރަދުތައްވެސް ކުޑަކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ކަނޑައެޅިފައިވާކަމަށެވެ.
ދަތުރު ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅުމަށް އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ނޫނީ ހުއްޓާލުން ހިމެނެއެވެ. އަދި ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާއި ދެމެދު އޮންލައިންކޮށް މުއާމަލާތްތައް ކުރުމަށް އިރުޝާދު ދީފައިވާއިރު ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައިވެސް ފަސްޓް ކްލާހާއި ބިޒްނަސް ކްލާހުގައި ދަތުރު ނުކުރުމަށް އަންގާފައިވެއެވެ. ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭނަމަވެސް ކުންފުނިން ކުރާ ހަރަދުތައް ވީހާވެސް ކުޑަކުރުމަށް އަންގާފައިވެއެވެ.
އެ މުއައްސަސާއިންވަނީ ފެރީގެ ހިދުމަތްތައް ލިބޭ ސަރަހައްދުތަކުގައި އެގޮތުގެ މަތިން ދަތުރުކުރުމަށް އަންގާފައިކަމަށްވާއިރު އަތޮޅުތެރެއަށް ކުރާ ދަތުރުތަކުގައިވެސް ކެއުމާއި ހުރުމުގެ ހަރަދުވެސް ވީހާވެސް ކުޑަވާނެ ގޮތެއްގެ މަތިން ކުރުމަށް ހިމަނާފައިވެއެވެ. ޕީސީބީންވަނީ ކުންފުންޏަށް ސީދާ ގޮތެއްގައި ފައިދާ ނުވާނަމަ ބޭރުގެ މަހާސިންތާތަކާއި ފެއަރތަކުގައިވެސް ބައިވެރިނުވުމަށް އަންގާފައެވެ.
މުއައްޒަފުންގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ހިމަނާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިހާރު އެކުލަވާލާފަިއވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއްނަމަވެސް ކުންފުނީގެ އޮޕަރޭޝަންތަކަށް ކޮންމެހެންވެސް ބޭނުން މުއައްޒަފެއް ނޫނީ އެމަގާމުތަކަށް އިތުރަށް ނުނެގުން ހިމެނެއެވެ. އަދި ޕީސީބީން އެކުލަވާލާފައިވާ ގައިޑްލައިންއާއި އެއްގޮތަށް ނޫނީ މުއައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ނުގެނައުމަށްވެސް އަންގާފައިވާއިރު ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމޭ ގޮތަށް ކަންކަން ރޭވުމާއި ކޮންމެހެންވެސް ބޭނުންތެރި ނޫންނަމަ އިތުރުގަޑީގައި މަސައްކަތް ނުކުރުމަށްވެސް ހިމަނާފައިވެއެވެ.
ދައުލަތުގެ ވިޔަފާރިތަކުގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުގެ މުއައްޒަފުންނަށް ޑޮލަރުން މުސާރައާއި އިނާޔަތްތައް ނުދިނުމަށްވެސް ޕީސީބީން އަންގާފައިވެއެވެ. އަދި ތަމްރީނުތައް ހިންގުމަށްޓަކައި ކުންފުނީގެ ކަމާއި ބެހޭ މުއައްޒަފުންގެ ބޭނުން ހިފުމަށާއި ރާއްޖޭގައި ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމަށްވެސް އިރުޝާދު ދީފައިވެއެވެ. އެ މުއައްސަސާއިންވަނީ މިދާއިރާގެ ހަރަދުތައް ކުޑަކުރުމަށް ބައެއް މިފަދަ އެހެނިހެން ފިޔަވަޅުތައް އެޅުމަށްވެސް އަންގާފައެވެ.
އެހެނިހެން ހަރަދުތައް ކުޑަކުރުމަށްޓަކައި އެޅުމަށް އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިޔާދަކުރެވޭ ހަކަތައިގެ ބޭނުން ހިފެން ހުރިނަމަ ވީއެންމެ ފުޅާމިނެއްގައި އެގޮތުގެ ބޭނުން ހިފުމާއި ކަރަންޓު ހަރަދު ކުޑަކުރުން ހިމެނެއެވެ. އަދި ކަރުދާހާއި ގަލަން ފަދަ ތަކެއްޗަށް ކުރާ ހަރަދުތައް ކުޑަކޮށް ޑިޖިޓަލައިޒްކުރުމާއި އިވެންޓުތައް ބޭއްވުމަށްޓަކައި ވަސީލަތްތައްހުރި ކުންފުނިތަކުން އެހެނިހެން ކުންފުނިތަކަށް އެތަކެތި ހިއްސާކުރުންވެސް ހިމަނާފައިވެއެވެ. އެ މުއައްސަސާއިންވަނީ ފާސްކޮށްފައިވާ އަހަރީ ބަޖެޓުގެ ތެރެއިންވެސް ކޮންމެހެން މިވަގުތު ކުރަންޖެހޭ ކަންކަމަށް ނޫނީ ހަރަދުތައް ނުކުރުމަށާއި އިސްރާފު ކުޑަކުރުމަށްވެސް އަންގާފައެވެ.

