ޓެކްސީ ޑްރައިވަރުންނަށް ދީފައިވާ ޔަގީންކަމާއި ސަރުކާރުން ހިލާފުވެފައިވާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އަދި އެމްޓީސީސީ ގުޅިގެން ޓެކްސީލައިނުގެ ހިދުމަތް ތައާރަފްކުރުމާއިއެކު ފައްޔާޒްވަނި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަސައްކަތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުންވަނީ ޑްރައިވަރުންނަށް ދީފައިވާ ޔަގީންކަމާއި ހިލާފުވެފައިކަމަށެވެ. އަދި ސަރުކާރުން އެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އާމްދަނި ހޯދުމަށްޓަކައި އެ މަސައްކަތްތައް ކުރާ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއްކަމަށް ފާހަގަކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ، އެމްޓީސީސީން ހިންގުމަށް ކަނޑައެޅިފައިވާ ޓެކްސީ ލައިނާއިއެކު އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެކަމަށް ސަރުކާރުން ބުނާކަމަށެވެ. ނަމަވެސް އެއީ އޮޅުވާލުމެއްކަމަށާއި އެ ހިދުމަތް ދޭ ފަރާތްތަކާއިއެކު މަޝްވަރާކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއްގައި ސަރުކާރުން މިގޮތުގެ މަތިން އަމަލުކޮށްފައިވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރަކަށް ފެންނަ ކޮންމެ ފަހަރަކު ކޮންމެ ފަދަ ވިޔަފާރިއެއްގެ ތެރެއަށް ވަނުމަކީ އޮވެގެންވާނެ އިހުތިޔާރެއް ނޫންކަމަށެވެ.
ސަރުކާރުން ފަށާފައިވާ ޓެކްސީ ލައިނުގެ ހިދުމަތް ކުރިއަށް ގެންދާނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މާލެ ހުޅުމާލެ އަދި ވީއައިއޭ ސަރަހައްދުގައި މި ހިދުމަތްދޭނެއިރު ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އިތުރަށް ފުޅާކުރާނެއެވެ. މި ހިދުމަތް ދިނުމަށްޓަކައި އެޕްލިކޭޝަނެއް ތައްޔާރުކޮށްފައިވާއިރު މައިގަނޑު މަގުސަދަކީ ޓްރާންސްޕޯޓު ދާއިރާގެ މި ހިދުމަތް ހަރުދަނާކުރުމާއި ފެންމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ގެނައުންކަން ފާހަގަކުރެވެއެވެ.

