ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ހަގީގީ މާނައިގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ: މުސްތަފާ

މެމްބަރު މުސްތަފާ: ފޮޓޯ / ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަގީގީ މާނައިގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ، ބޯހިޔާވަހިކަމަކީ މާލެ ސަރަހައްދަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތް ކަންތައްކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫނީ ބޯހިޔާވަހިކަމަށް ވަކި ހާއްސަ އަދަދެއް ޖަހައިގެން، މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރި ސަރުކާރުން އަދި ރައްޔިތުން ފެނިފައި ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނީ އޭގެ ފުރިހަމަ މާނައިގައިކަމަށް ފާހަގަކޮށް މުސްތަފާ ވިދާޅުވީ ފަޅުތަކާއި ކަނޑުތަކުން ގޯތި ދިނުމަކީ ބޯހިޔާވަހިކަން ނޫންކަމަށެވެ.

އަޅުގަނޑުމެން ބޯހިޔާވަހިކަން މާނަކުރަނީ ބޯހިޔާވީމަ، އެއްގޮތަކަށްވެސް ކަނޑު ފަޅުން ގޯތި ދޫކުރުން އެއީ ބޯހިޔާވަހިކަމެއް ނޫން. ބޯހިޔާވަހިކަމަކީ އޭގެ ޒާތުގައި، އޭނަގެ މަތިން ޓިނު ގަނޑެއް ބާއްވައިގެން ނަމަވެސް ބޯހިޔާވުން.

މުސްތަފާ ވިދާޅުވިއެވެ.

މިއަހަރަށް ކަނޑައެޅި ބަޖެޓު 50 އިންސައްތަ ހާއްސަކޮށްފައިވާނީ ބޯހިޔާވަހިކަމަށްކަން ފާހަގަކޮށް މުސްތަފާ ވިދާޅުވީ، މުޅި ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއްކަމަށެވެ.

މިހާރު އޮތީ ޕޯޓަލް މެދުވެރިކޮށް، ގޯއްޗަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިކަމަށާއި، މާ ގިނަ ދުވަސްތަކެއް ނުވެ އެ ގޯތިތައް ދޫކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން ތިބީ އަމިއްލައަށް ބޯހިޔާ ކުރާނެ ފުދުންތެރިކަމެއް ނެތިފައިކަމަށާއި، ބަޖެޓުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެގޮތަށް ތިބި މީހުންނަށްކަމަށް ފާހަގަކޮށް މުސްތަފާ ވިދާޅުވީ، އެއާއިއެކު ގެ ނެހެދިފައި ތިބި މީހުންނަށް އެކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. ދައުލަތުގެ ބަޖެޓުގެ ތެރެއިން މިކަން ފުރަތަމަ ފަހަރަށް ކުރަނީ މި ސަރުކާރުންކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ހުޅުމާލޭއިން ހިއްކަމުން ދާ ބަޔާއި، ގުޅީ ފަޅާއި، ގިރާވަރު ފަޅު، އަދި ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މުސްތަފާ ފާހަގަކުރެއްވިއެވެ.

މުސްތަފާ ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަން ދެނީ ބޯހިޔާވަހިކަމަށްކަމަށެވެ. ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކައި މި ސަރުކާރުން މަސައްކަތް ކުރާނީ ވެރިކަމުގެ ފުރަތަމަ ދުވަސްވަރުކަމަށް ފާހަގަކޮށް މުސްތަފާ ވިދާޅުވީ މިއއި ހިލާފަށް މިދިޔަ ސަރުކާރުން އެކަން ކުރީ ވެރިކަން ނިމެން ގާތްވުމުންކަމަށެވެ. ގޯތި ދެވުންކަމަށް ވާނީ ހިކިފަސްތަނުން ގޯތި ދިނީމައިކަމަށް ފާހަގަކޮށް މުސްތަފާ ވިދާޅުވީ، އެގޮތަށް އެކަން ކުރިނަމަ މިއަދު ރައްޔިތުން ދިރިއުޅޭނީ އެތަންތަނުގައިކަމަށެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ މާ ބޮޑު މަސައްކަތެއް ނޫންކަމަށް ފާހަގަކޮށް އޭނާ އިޝާރާތްކުރެއްވީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި މަސައްކަތަށެވެ. އޭރު ހުންނެވި ހައުސިން މިނިސްޓަރު މިއަދު ވެރިޔަކަށް ހުންނެވުމުން މިކަންކަން މާ ފަސޭހަކަމާއިއެކު ހާސިލް ކުރެވޭނެކަމަށް މުސްތަފާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: