ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

18 އަހަރުކުރިން ހެލްތުން ހޯދި ޚިދުމަތަކަށް ދެމިލިއަން ޑޮލަރު ދައްކަން ކުރި ޙުކުމް ދަމަހައްޓައިފި

ހެލްތް މިނިސްޓްރީގެ އިމާރާތް ---- ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ކުންފުންޏަކުން ހެލްތް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރަށްރަށުގެ ހެލްތް ސެންޓަރަށާއި، ހެލްތް ޕޯސްޓްތަކަށާއި އަދި ރީޖަނަލް ހޮސްޕިޓަލްތަކަށް ފޯރުކޮށްދީފައިވާ މެޑިކަލް އިކުއިޕްމަންޓް އެންޑް ކޮންސިއުމަބަލްސްގެ އަގު ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.

މިއީ މީގެ 18 އަހަރު ކުރީގެ މައްސަލައެކެވެ. އެގޮތުން މި މައްސަލައަކީ ސެންޓަރ އެންޓަޕްރައިޒަސްއިން ހެލްތް މިނިސްޓްރީއަށް ރައްދުވާގޮތަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ކުންފުނިން ބުނެފައިވަނީ އެ ކުންފުންޏާއި ޑިޕާރޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއާ ދެމެދު 2007 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިން މެޑިކަލް އިކުއިޕްމަންޓް އެންޑް ކޮންސިއުމަބަލްސްގެ އިންވޮއިސްގެ ފައިސާއާއި އޭގެ ސާރޗާޖް އެއްކުރުމުން އެމެރިކާ ޑޮލަރުން ލިބެންޖެހޭ 5،149،450.99 (ފަސް މިލިއަން އެއްލައްކަ ސާޅިސް ނުވަހާސް ހަތަރުސަތޭކަ ފަންސާސް ރުފިޔާ ނުވަދިހަ ނުވަލާރި) އަކީ ދައުލަތުން ދައްކަންޖެހޭ ފައިސާކަމަށެވެ.

އެހެންކަމުން މި ފައިސާ ވީހާވެސް ކުރު މުއްދަތެއްގައި ދައްކާ ޚަލާޞްކުރުމަށް ދިވެހި ދައުލަތުގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް ކުންފުނިން ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު ދައުލަތުން ބުނެފައިވަނީ ދަޢުވާގައި ހިމެނޭ އިންވޮއިސްގައިވާ ޖޫރިމަނާގެ އަދަދަށް އިންކާރުކުރާކަމަށެވެ.

އެހެންކަމުން ސެންޓަރ އެންޓަރޕްރައިސަސްގެ ފަރާތުން ކިތާބީ ހެއްކާއިއެކު، 2 ޝަފަހީ ހެކި ހުށަހަޅާފައިވީނަމަވެސް، ދައުލަތަށް ދިން ފުރުސަތުގައި ހެކި ހުށަހަޅާފައެއް ނުވެއެވެ.

އެހެންނަމަވެސް ޚުލާސާ ބަޔާނާއެކު އައު ހެކިތަކެއް ދައުލަތުން ހުށަހެޅިއެވެ. އެއީ ސެންޓަރ އެންޓަރޕްރައިސަސްގެ 2007 2008, އަދި 2009 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތަކާއި އެ އަހަރީ ރިޕޯޓުތަކާއެކު ހުށަހަޅާފައިވާ ސެންޓަރ އެންޓަރޕްރައިސަސްގެ ފައިނޭންޝަލް ސްޓޭޓްމަންޓްތަކެވެ.

ދައުލަތުން މި ހެކި ހުށަހަޅަމުން ފާހަގަކޮށްފައިވަނީ ކުންފުނިން ހޯދުމަށް އެދިފައިވާ ފައިސާ އެ ކުންފުންޏަށް ލިބެންޖެހޭކަން ނުވަތަ އެ ކުންފުނިން އެވަރުގެ މުޢާމަލާތަކަށް ޚަރަދުކުރިކަން ފައިނޭންޝަލް ސްޓޭޓްމަންޓްތަކުގައި ބަޔާންކޮށްފައިނުވާކަމަށެވެ.

2022 ވަނަ އަހަރު އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ ޓާރމްސް އެންޑް ކޮންޑިޝަންސް ގެ ދަށުން ސާރޗާޖަށް އަރާފައިވާ  3،637،940 (ތިން މިލިއަން ހަލައްކަ ތިރީސް ހަތްހާސް ނުވަސަތޭކަ ސާޅީސް ) އެމެރިލާ ޑޮލަރަކީ ދައުލަތުން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށެވެ.

އެހެންނަމަވެސް އިންވޮއިސްގެ ގޮތުގައި ހޯދަން އެދިފައިވާ 2،011،510 (ދެމިލިއަން އެގާރަހާސް ފަސްސަތޭކަ ދިހަ) އެމެރިކާ ޑޮލަރަކީ ދައުލަތުން ދައްކަން ޖެހޭ ފައިސާ ކަމަށް ސިވިލް ކޯޓުން ނިންމިއެވެ.

ދައުލަތުން ސިވިލް ކޯޓުން ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމަވާފައިވަނީ ސިވިލް ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ހުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު ޙަސަން ޝަފީއުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: