ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ފިރިމީހާ މަރާލި މައްސަލައިގައި ނަޒާހާއަށް ކުރި ޙުކުމް ދަމަހައްޓައިފި

މަރިޔަމް ނަޒާހާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާ މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ޙުކުމްކޮށްފިއެވެ.

މައިގަނޑު 5 އިސްތިއުނާފީ ނުކުތާއެއް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެގޮތުން މި މައްސަލަ އިސްތިއުނާފު ކުރަމުން ނަޒާހާގެ ފަރާތުން ބުނެފައިވަނީ އޭނާއަކީ ހަސަން ޝާހިދުގެ ފަރާތުން ތަކުރާރުކޮށް ގެވެށި އަނިޔާ ލިބެމުންދިޔަ ފަރާތެއްކަމަށެވެ. އަދި ދިގު މުއްދަތެއްގައި އެފަދަ އަނިޔާތަކުގެ ތެރޭގައި އެ އަނިޔާއިން ސަލާމަތް ނުވެވި އުޅެން މަޖުބޫރުވެފައި ހުރި ފަރާތެއްގެ ނަފްސާނީ ޙާލަތަށް އެއްވެސް ވަރަކަށް ރިއާޔަތް ކުރައްވައި މައްސަލަ ނިންމަވާފައިވާ ކަމަށްވެސް އޭނާގެ ފަރާތުން ބުނެފައިވެއެވެ.

ހަމައެއާއެކު، މި ޙާދިސާ ހިނގާފައިވަނީ 2010 ވަނަ އަހަރުކަމަށްވެފައި، މި މައްސަލަ ހައިކޯޓުން 2015 ވަނަ އަހަރު ނިންމެވިއިރު، ޙާދިސާ ހިނގިއިރު އަމަލުކުރަމުން ދިޔަ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު އުވާލެވި، 2014 ވަނަ އަހަރު އައު ޤާނޫނުލްއުޤޫބާތަކަށް އަމަލު ކުރަން ފެށިފައިވީއިރު، އޭގެ ދަށުން ނަޒާހާއަށް ލިބެންޖެހޭ ލުއި ލިބިދީފައިނުވާކަންވެސް އޭނާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓުން މައްސަލަ ސާބިތުވާކަމަށް ނިންމީ، ނަޒާހާގެ ފަރާތުން ހުށައަޅާފައިވާ ދިފާއުތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތް ނުކޮށްކަންވެސް އޭނާގެ ފަރާތުން ބުނެފައިވެއެވެ. އެގޮތުން އޭނާއަކީ “ Battered woman syndrome“ ހުންނަ ފަރާތެއްކަން އޭނާގެ ފަރާތުން ދިފާއުގައި ފާހަގަކޮށްފައިވެއެވެ.

ބެޓަރޑް ވުމަން ސިންޑްރަމް އަކީ ބައިވެރިޔާގެ ފަރާތުން ތަކުރާރުކޮށް އެކި ފަހަރުމަތިން ގެވެށި އަނިޔާ އަދި އެކި ބާވަތުގެ އަނިޔާ ލިބިފައިވާ އަންހެނުން ތަހައްމަލު ކުރާ ނަފްސާނީ ޙާލަތެކެވެ.

ނަޒާހާގެ ފަރާތުން ވަނީ އޭނާއަށް ލިބިފައިވާ ބައެއް އަނިޔާތަކުގެ މިސާލުތައް ކިޔާދީފައެވެ. އެގޮތުން އޭނާ ބަލިވެ އިންދައި އަނިޔާކުރި ޙާދިސާއަކާއި، އޭނާ ވަޒީފާއަދާ ކުރާ ތަނަކަށް ގޮސް އަނިޔާކުރި މައްސަލައެއްގެ އިތުރުން، އޭނާއަށް އަނިޔާކުރި މަންޒަރު އެމީހުންގެ ދަރިފުޅަށް ފެނިގެން އެ ކުއްޖާ ފިޓު ޖެހުނު ޙާދިސާއެއް އޭނާގެ ވަކީލު ވަނީ ފާހަގަ ކުރައްވާފައެވެ.

ނަޒާހާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަކީ ބާތިލު ޙުކުމެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ. ނޫންނަމަ އެންމެ ކުޑަ މިނުން މި މައްސަލަ ދަށު ކޯޓުން އަލުން ބަލަން ޖެހޭކަމަށް ނިންމެވުމަށް އޭނާގެ ވަކީލު އެދިލެއްވިއެވެ.

އެހެންނަމަވެސް، އޭނާއަށް ދިން 5 އަހަރުގެ މާފާއެކު، އޭނާ މިހާރުވެސް އެތައް އަހަރެއް އަހަރު ޖަލުގައި ހޭދަކޮށްފައިވާކަން ފާހަގަ ކުރައްވައި ނަޒާހާގެ ވަކީލު އިތުރަށް ވިދާޅުވީ، މި މައްސަލަ ދަށު ކޯޓުން އަލުން ބަލަން ނިންމި ނަމަވެސް، އެއީ އެންމެ މަސްލަޙަތު ހުރި ގޮތްތޯ ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން އޭނާ 19 އަހަރަށްވުރެ ގިނަ ދުވަސް މިހާރުވެސް ޖަލުގައި ހޭދަކޮށްފައިވެއެވެ.

ދައުލަތުން ބުނާ ގޮތުގައި ދުރާލާ އޭނާގެ ކުރީގެ ފިރިމީހާ މަރާލުމުގެ ޤަސްދު އޭނާގެ އޮތްކަން މައްސަލައިގެ ހެކި ޤަރީނާއާއި، ހާދިސާ ހިނގާފައިވާ ގޮތުންވެސް އެނގެއެވެ.

އޭގެ އިތުރުން، ނަޒާހާއަކީ ސުކޫލުގައި އުޅުނުއިރުން ފެށިގެންވެސް އަމިއްލަ ނަފްސަށް ގެއްލުންދީ (ސެލްފް ހާރމް) ކޮށްފައިވާ ފަރާތެއްކަމަށް ދައުލަތުން ބުނެއެވެ. އެހެންނަމަވެސް، ނަޒާހާގެ ނަފްސާނީ ޙާލަތު ދެނެގަތުމަށް އެދުމަކީ ދިފާއުގެ ޒިންމާއެއްކަން ޕީޖީ އޮފީހުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާންއާއި، ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު މުޙައްމަދު އިބްރާހިމްއާއި، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.

މި މައްސަލައިގައި ރައުޔު އިއްވަވަމުން އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާން ވިދާޅުވީ، ޙަސަން ޝާހިދަށް ޙަމަލާދިނީ އަމިއްލަ ނަފްސުގެ ދިފާއުގައިކަމަށް ނަޒާހާ ބުނި ނަމަވެސް، ޙާދިސާ ހިނގި ވަގުތު ޙަސަން ޝާހިދުގެ ފަރާތުން ނަޒާހާއަށް ކަމެއް ކުރިކަން މި މައްސަލައިގައި ހުށަހެޅިފައިވާ އެއްވެސް ހެއްކަކުން އެނގެން ނެތް ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް އިސްފަނޑިޔާރު ރައުޔު އިއްވަވަމުން ވިދާޅުވިއެވެ.

މި މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާއާއި، އުއްތަމަފަނޑިޔާރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން ތާއީދު ކުރެއްވީ ހައިކޯޓުގެ ޙުކުމް ދެމެހެއްޓުމަށެވެ. އަދި ފަނޑިޔާރު ޝުޖޫންއާއި ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމް ތާއީދު ކުރެއްވީ ޙުކުމް ބާތިލު ކުރެއްވުމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގެ އަޣުލަބިއްޔަތުން ނިމިފައިމިވަނީ ހައިކޯޓުގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: