ކުރިއަށް އޮތް ރޯދަމަހު ރައްޔިތުންގެ މަޖިލިސް ބަންދުކުރަން އާންމު ކޮމެޓީން ފާސްކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން އެދި އެ އިސްލާހު އިއްޔެގެ މަޖިލީހުގައި ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއުއެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ބަޔަކަށެވެ. އެއީ ފުރަތަމަ ދައުރު – 1 ފެބްރުއަރީން 15 މޭގެ ނިޔަލަށާއި، ދެވަނަ ދައުރު – 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށާއި އަދި ތިން ވަނަ ދައުރު – 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ.
އެ މައްސަލަ ދިރާސާކުރަން މިއަދު ބޭއްވި އާންމު ކޮމެޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ މެންބަރު ރިފާއު ހުށަހެޅުއްވި އިސްލާހު އޮތް ގޮތަށެވެ. ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެންބަރުން ވަނީ މި އިސްލާހާ އެކު ކުރިއަށް އޮތް އަހަރުތަކުގައި ވެސް ގަވާއިދު އިސްލާހުކޮށް ރޯދަމަހަށް މަޖިލިސް ބަންދުކުރާނެތޯ ސުވާލު އުފައްދަވާފައެވެ.
ރިޔާސަތުގައި އިންނެވި ކޮމިޓީގެ ނައިބު މުގައްރިރު އަދި ހޮޅުދޫ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ މިހާރު މި އިސްލާހު ގެެނެސްފި ނަމަ، 2029 ވަނަ އަހަރާ ހަމައަށް އިސްލާހެއް ގެންނަން ނުޖެހޭނެ ކަމަށެވެ. މި އިސްލާހު ހުށަހަޅުއްވާފައިވާ ސަބަބެއް ކަމަށް މެމްބަރު ވިދާޅުވީ މިއީ ރޯދަމަހު ގިނަ ވަގުތު އަޅުކަން ކުރުމަށް ވަގުތު ދިނުމަށް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

