ދިވެހިރާއްޖޭގެ އިސްލާމިކް އެފެއާޒްގެ ވުޒާރާއާއި ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތުގެ ބައިވެރިވުމާއި އެކު އިންތިޒާމުކުރާ އުމްރާ ދަތުރުގެ ބައިވެރިން ފުރައިިފިއެވެ.
މި އުމްރާ ދަތުރުގައި ބައިވެރިވެފައިވަނީ، އެމްއެންޔޫ، އައިޔޫއެމްގެ ޔޫނިއަން، ވިލާ ކޮލެޖް، ޒިކުރާ ކޮލެޖް، ސީއެޗްއެސްއީ، އަހުމަދިއްޔާ ސްކޫލު، ހިރާ ސްކޫލު އަދި ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް ކަމަށް މިނިިސްޓްރީ އޮފް އިސްލާމިކް އިން މިއަދު ކުރި ޓްވީޓެއްގައި ބުނިއެވެ.
މި ދަތުރަކީ މި އަހަރު މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފައިވާ ”އިސްލާމިކް ލީޑާރޝިޕް“ ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ދަތުރެކެވެ.
މީގެއިތުރުން، މި ދަތުރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުއްދަތަކީ، މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާއި ހަމަޔަށް ކަމަށް އެ ވުޒާރާއިން މައުލޫމާތު ދިނެވެ. އަދި މި ދަތުރުގައި ޢިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ޚާއްސަ ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެން ދާނެ ކަމަށް އެ ވުޒާރާއިން ބުނިއެވެ.
މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގައި ފެށި ގައުމީ މަސައްކަތުގެ ތެރެއިން އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔަ ދަތުރުތަކުގެ ތެރެއިން ސައުދީ އަރަބިއްޔާ، މިސްރު، މެލޭޝިއާ، ބްރޫނާއި އަދި އިންޑޮނޭޝިއާ ފަދަ އެކި މުސްލިމް ގައުމުތަކަށް އިމާމުންނާއި ހަތީބުންނަށް ތަމްރީނާއި ތަޖުރިބާ ދިނުމުގެ ޕްރޮގުރާމުތަށް ހިންގައިފައިވެއެވެ.

