ބަރަކާތްތެރި ރަމަޟާން މަހު ސަރުކާރުން ރައްޔިތުންނަށް ދޫކުރަމުންދާ ރޯދަ ހަދިޔާ މާރިޗް 11 އިން ފެށިގެން ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިހާތަނަށް 48،000 ގޭބީސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވެއެވެ. އަދި މާރިޗް 10 ގެ ނިޔަލަށް ރޯދަ ހަދިޔާ ދޫކުރަމުން ގެންދާނީ މީގެ ކުރިންވެސް ދޫކުރަމުން އައި 13 މަރުކަޒުންނެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ”މާރިޗް 11 އިން ފެށިގެން ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މާލެ އަދި ހުޅުމާލޭގައި ޤާއިމުކުރެވިފައިވާ މިފްކޯގެ 4 ފިހާރައިންނެވެ. މި ފިހާރަތައް ހުޅުވިފައި ހުންނަ ގަޑިތަކުގައި ރޯދަ ހަދިޔާ ދޫކުރެވޭނެއެވެ.“
ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް ބަދަލުވި ނަމަވެސް، ކުރިން ޢަމަލުކުރަމުން އައި އުސޫލާ އެއްގޮތަށް އޮންލައިން ޓޯކަން ނަގައިގެން ރޯދަ ހަދިޔާ ދޫކުރުން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ރޯދަ ހަދިޔާ ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

